ލުބުނާން އަތުން ބަލިވި ނަމަވެސް، ރާއްޖޭގެ ވަރުގަދަ ކުޅުމެއް

ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ތަމްރީނުތަކުގައި -- ފޮޓޯ/ ސިޑިބަރި

އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ދެވަނަ މެޗުގައި ރާއްޖެ ބަލިވި ނަމަވެސް، ލުބުނާން ކައިރީގައި ވަރުގަދަ ކުޅުމެއް ދައްކައިފިއެވެ.

ކިރްގިސްތާނުގައި ކުރިއަށްގެންދާ އޭޝިއަން ކަޕްގެ ކޮލިފައިންގައި އިއްޔެ ކުޅުނު މެޗުގައި ރާއްޖެ ބަލިވީ 6-1ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ރާއްޖެ ނުކުތީ ފުރަތަމަ މެޗުގައި ވަރުގަދަ އީރާން އަތުން 18-2ގެ ނަތީޖާއަކުން ބަލިވެގެންނެވެ.

އިއްޔެ ކުޅުނު މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ވަނީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ކުޅެފައެވެ. އެ ކުޅުމާއެކު ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ ވެސް ރާއްޖެއިންނެވެ. ފުރަތަމަ ހާފުގައި ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ހާއްޕެ، ލުބުނާން ކޮޅަށް ގޯލު ޖަހާފައިވަނީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

ރާއްޖެއިން ލީޑު ހޯދުމާއެކު ލުބުނާނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައި ނަތީޖާ ހަމަހަަމަކޮށްފައެވެ. ރާއްޖޭގެ ވަރުގަދަ ޑިފެންސިވް ކުޅުމާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ރާއްޖޭގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ލުބުނާންގެ އެޓޭކު ފެނުނީ މާބޮޑަށް ނުރައްކާކޮށެވެ. ނަތީޖާއެއްގެ ގޮތުން ލުބުނާނުން ވަނީ ދެވަނަ ހާފުގައި ފަސް ގޯލު ކާމިޔާބުކޮށްގެން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ރާއްޖޭގެ ފުޓްސަލް ޓީމުން ކޮންމެ މުބާރާތެއްގައި ވާދަކުރާއިރު ވެސް ކުރިމަތިލާން ޖެހޭ އުނދަގުލަކީ ތަމްރީނުކުރުމުގެ ފުރުސަތު ނުލިބުމެވެ. ބައިނަލްއަޤުވާމީ ފުޓްސަލް މުބާރާތްތައް އިންޑޯ ދަނޑުތަކުގައި ކުޅުނު ނަމަވެސް، ރާއްޖޭގައި ފުޓްސަލަށް ހާއްސަކޮށް އިންޑޯ ފުޓްސަލް ދަނޑެއް ނެތެވެ. އެހެންކަމުން ކޮލިފައިނަށް ވެސް ރާއްޖޭގެ ޓީމު ތަމްރީނުތައް ކުރިއަށްގެންދިޔައީ ބާސްކެޓްބޯޅަ އާއި ވޮލީބޯޅައަށް ހާއްސަކޮށްފައި އޮންނަ ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭޏީ ކިރްގިސްތާނާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

comment ކޮމެންޓް