ދީނުން ފިލާވަޅެއް: ލުޤުމާން ސޫރަތުގެ 34ވަނަ އާޔަތުގައި ވަނީ ކޮން ވާހަކައެއް؟

ޝައްކެއް ވެސް ނެތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ޢިލްމުފުޅު އެހެން ހުރިހާ އެއްޗެކާ އެހެން ހުރިހާ މީހުންގެ ޢިލްމަށްވުރެ މަތިވެރިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢިލްމުފުޅުގައިވާ، ޣައިބުގައިވާ އެތައް ކަމެއްގެ ވާހަކަ ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން މިއަދު އަޅުގަނޑުމެން މި ވިސްނާލަނީ ކީރިތި ޤުރުއާނުގެ ވަރަށް މުހިންމު އާޔަތަކަށެވެ. އެއީ ލުޤުމާން ސޫރަތުގެ 34ވަނަ އާޔަތަށެވެ.

މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ޣައިބުގައިވާ ކަންކަމުގެ ވާހަކަ އަދި ޣައިބުގެ ވަރަށް މުހިންމު ފަސް ކަމެއްގެ ވާހަކަ އަޅުގަނޑުމެނަށް ބަޔާންކޮށްދެއްވާފައެވެ. އެއީ އެކަމުގެ ޢިލްމު ހަމައެކަނި ލިބިވޮޑިގެންވަނީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކަމެވެ. މި ނޫންވެސް ޣައިބުގައި އެތައް ކަމެއްވެއެވެ. އަޅުގަނޑުމެންނަށް އާޚިރަތާ ބެހޭ މައުލޫމާތުތައް ކީރިތި ޤުރުއާނުން އެނގުނު ކަމުގައި ވިޔަސް އެކަމުގެ ހުރިހާ ޚަބަރުތަކެއް ކީރިތި ޤުރުއާނުން ވެސް އަޅުގަނޑުމެންނަކަށް ނުފެނެއެވެ. އެކަމަކު ވެސް އަޅުގަނޑުމެން މި ކަންކަމަށް އީމާން ވަމެވެ.

ހަގީގަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުގަނޑުމެން އީމާންވާއިރު އާޚިރަތް ދުވަހަށްވެސް އީމާންވާން ޖެހެއެވެ. ހަމަ މިގޮތަށް ޣައިބުގެ ކަންކަމަށް އީމާންވާން ޖެހެއެވެ. އެއީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ވަރަށް މުހިންމު ރުކުނެއްވެސްމެވެ. އެހެންކަމުން ޣައިބުގެ ވަރަށް ގިނަ ކަންކަމަށް އަޅުގަނޑުމެން އީމާންވާންޖެހެއެވެ. މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިވަނީ މި އާޔަތުގައި ފަސްކަމެއް ބަޔާންކުރައްވާފައެވެ.

ހަމަކަށަވަރުން ޤިޔާމަތްވުމުގެ ވަގުތު އެނގިވޮޑިގެންވަނީ ﷲގެ ހަޟުރަތުގައެވެ. އެއީ ފުރަތަމަ ކަންތަކެވެ. ޤިޔާމަތް ވާނީ ކޮންއިރަކުކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ވާރޭ ވެހެނީ ކޮންއިރަކު ކަމެއް ނޭނގޭނެއެވެ. އަޅުގަނޑުމެނަށް ބައެއް ފަހަރު ބޯ ވިލާގަނޑެއް ފެންނާނެއެވެ. އެހެންނަމަވެސް އެ ވިލާގަނޑުން ފެން ނުވެހި ހިނގައިދާނެއެވެ. އެހެންވީމަ ވާރޭ ވެހޭނީކޮންއިރަކު، ކިހިނެއްކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. އަޅުގަނޑުމެނަށް ލަފާކުރެވޭނެއެވެ. އެކަން ވެސް މެދުވެރިކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

ހަމަ އެގޮތަށް އަޅުގަނޑުމެންނަށް ރަހިމުގައިވަނީ ކޮން ކަހަލަ ދަރިއެއް ކަމެއް ނޭނގޭނެއެވެ. ޓެކްނޮލޮޖީ މެދުވެރިކޮށް ސްކޭންކުރުމުން ވެސް އެނގެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ރަހިމުގައި އަންހެން ކުއްޖެއް ނުވަތަ ފިރިހެން ކުއްޖެއް ލައްވާ އެ ކުއްޖާގެ ޖިންސު ލައްވާ ފާޅުކުރެއްވުމުންނެވެ. އޭގެކުރިން އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. އެހެންނަމަވެސް ދަރިފުޅު އެންމެ ކުޑަދުވަހުން ފެށިގެން ކުއްޖާގެ ޖިންސުވަނީ ކަނޑައެޅިފައެވެ. އެކަމުގެ ޢިލްމުވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައެވެ.

ދެން އަންގަވާފއިވަނީ، މާދަމާ ވާނީ ކޮންކަމެއް ކަމެއް އަޅުގަނޑުމެންނަށް ނޭނގޭކަމެވެ. އެއްވެސް ނަފުސަކަށް އެ ނަފުސަކަށް މާދަމާ ކަންތައް ވާނެގޮތެއް ނޭނގޭނެއެވެ. މާދަމާ އަޅުގަނޑު އުޅޭނީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އުޅޭނީ ކިހިނެއްކަމެއް، ކޮން ހާލެއްގައި ކަމެއް ނޭނގެއެވެ. މާދަމާ ވާނެކަންކަން ހަމައެކަނި ދެނަވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

ދެން މި އޮންނަނީ، އެއްވެސް ނަފުސަކު މަރުވާނީ ކޮންބިމެއްގައި، ކޮންތާކުކަމެއް ނޭނގޭނެއެވެ. ކޮންމެ ނަފުސަކީ ވެސް މަރުވާނެ ނަފުސެއްކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެހެންނަމަވެސް އޭނާ މަރުވާނީ ކޮންތާކު ކޮންއިރަކުކަމެއް ނޭނގެއެވެ. މިފަދަ ކަންކަމަކީ މިއީ ޣައިބުގައިވާ ކަންކަމެވެ.

އެހެންވީމަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުގަނޑުމެން ފުރިހަމައަށް އީމާންވާއިރުގައި މި ފަސްކަމަށް އީމާންވާން ޖެހެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ކަން ޤިޔާމަތް ވާނެ ވަގުތު، ވާރެވެހޭނެ އިރެއް، ދަރިފުޅު ލައްވާނީ ކޮންޖިންސެއްގެ ކުއްޖެއްކަމެއް، ހަމަ އެގޮތަށް މާދަމާ އަޅުގަނޑުމެންނާ މެދު ކަންކަން ވެގެންދާނީ ކިހިނެއްކަން އަދި ކޮން ގޮތަކަށް ކޮން ބިމެއްގައިކަން އަޅުގަނޑުމެން މަރުވެގެންދާނީ، މީ ހަމައެކަނި ﷲ ދެނެވޮޑިގެންވާ ކަންތައްތައްކަން ގަބޫލުކުރަން ޖެހެއެވެ.

ހަމައެއާއެކު އެ އާޔަތް ނިމިގެން ދަނީ ހަމަކަށަވަރުން އެއީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެ، އެގޮތަށެވެ. އެހެންވީމަ މި އާޔަތްތައް ކިޔަވާއިރު އަޅުގަނޑުމެން ޣައިބުގެ ކަންކަމަށް އީމާންވުން އިތުރުވާންޖެހޭނެއެވެ.

comment ކޮމެންޓް