އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޑީއެފްސީ -- ފޮޓޯ/ ރައީސް އޮފީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރާ އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީން) ބުނީ ދަނޑުވެރިކަމަށް ދޫކުރާ "ދަނޑުވެރި ނަފާ" ލޯނާއި "ވިޔަފާރި އެހީ" ލޯނަށް އެދި މިއަދުން ފެށިގެން ފޯމު ލެވޭނެ ކަމަށެވެ.

އެ ލޯނުތަކަށް އެދި ހުށަަހަޅާ ފޯމުތައް މިއަދުން ފެށިގެން ބަލައިގަތުމަށް ހަމަޖެހިފައިވާއިރު އެހެނިހެން ލޯނުތަކަށް އެދުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެކަމަށް އެސްޑީއެފްސީން ބުންޏެވެ.

އެ ލޯނުތަކަށް ކުރިމަތިލާން ބޭނުންވާ ވިޔަފާރިތަކަށް އެސްޑީއެފްސީގެ ވެބްސައިޓުން ފޯމު ލިބެން ހުންނާނެއެވެ. އަދި އެ ވެބްސައިޓުގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.

"ދަނޑުވެރި ނަފާގެ" ލޯނަކީ އެކުންފުންޏާއި ފިޝަރީސް މިނިސްޓްރީ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދޫކުރަމުންދާ ލޯނެކެވެ. "ވިޔަފާރި އެހީގެ" ލޯނަކީ ކުރު މުއްދަތެއްގެ ތެރޭގައި ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށްދޭ ލޯނެކެވެ.

އެސްޑީއެފްސީން ލޯނު ދިނުމުގައި އިސްކަންދޭ ދާއިރާތަކަކީ ދަނޑުވެރިކަމުގެ އިތުރުން ރަށު ފަތުރުވެރިކަމާއި މަސްވެރިކަމާއި އުފެއްދުންތެރިކަމާ ގުޅުން ހުރި ވިޔަފާރިތަކާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ.

comment ކޮމެންޓް