ސަސް އާއި ޔޫވީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލިގުގައި މިރޭ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް)އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައިވަނީ 0-0 އިންނެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ޔޫވީގެ ޢަލީ ހަމްދާން (އައްޔަ) ފޮނުވާލި ހަމަލާ ސަސްގެ ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ ހުއްޓުވާފައެވެ.

މެޗުގެ 13 ވަނަ މިނެޓުގައު ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) ހުރަސްކުރި ބޯޅައަކުން އެ ޓީމުގެ އަލީ ނަސޫހު ރަޝީދު (ޕިލާ) ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ 37 ވަނަ މިނެޓުގައި ސަސްގެ މުޙައްމަދު ސަހާއު (ބޭލް) ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވެއެެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 57 ވަނަ މިނެޓުގައި ޔޫވީގެ ބިދޭސީ ފޯވާޑް އިވާން ވެރާސް ފޮނުވާލި ބޯޅަ ސަސްގެ ކީޕަރު ޝަފިއު ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި މޫސާ އަޒީމް ހަސަން ފޮނުވާލި ބޯޅަ ސަސްގެ ޢަބްދުﷲ ހަނީފް (ބެންޖޯ) ޖައްސާލުމުން ބޯޅައިގެ މިސްރާބު ބަދަލުވެ ބޯޅަ ދިޔައީ އެ ޓީމުގެ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ސަސްއަށް ލިބުނު ހިލޭ ޖެހުމެއްގައި މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމުގެ ބެންޖޯ ފޮނުވާލި ބޯޅަ އަމާޒުވި ޔޫވީގެ ފާރަށެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވެސް މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ މެޗު އެއްވަރުވީ 2-2 އިންނެވެ.

comment ކޮމެންޓް