އެސްޓާން ވިލާ ބަލިކޮށް ޓޮޓެންހަމަށް ހަަތަރު ވަނައިގައި ހަމަޖެހުމެއް

މިރޭ ޓޮޓެންހަމާއި އެސްޓާން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓާން ވިލާ ބަލިކޮށް ޓޮޓެންހަމުން ލީގު ތާވަލްގެ ހަތަރު ވަނައިގައި ހަމަޖެހުމެއް ހޯދައިފިއެވެ.

އެސްޓާން ވިލާގެ ދަނޑުގައި ކުޅުނު މިމެޗު ޓޮޓެންހަމް ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ސޮން ހުން މިން އެވެ. އޭރިޔާ ތެރެ ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނި އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސް ޓޮޓެންހަމުން އިތުރު ލަނޑެއް ޖަހުމަށް ހަމަލާ އުފެއްދި ނަމަވެސްް، ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ.

ޓޮޓެންހަމްގެ ދެވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ޑެޖަން ކުލުސެވްސްކީއެވެ. އޭނާ މި ލަނޑު ޖެހީ ހެރީ ކޭން ދިން ބޯޅައެއް ގޯލްގެ އަރިމަތީ ދާގަނޑަށް ފޮނުވާލައިގެންނެވެ.

ޓޮޓެންހަމްގެ ތިން ވަނަ ލަނޑު 66 ވަނަ މިނެޓުގައި ސޮން ޖެހީ ވެސް ކޭން ދިން ބޯޅައަކުންނެވެ. އޭރިޔާ ބޭރުން ކޭން ދިން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ އެސްޓާން ވިލާގެ ކީޕަރަށް ބޯޅަ މަތަކުރަން މާ ބޮޑު ފުރުސަތެއް ނުލިބިއެވެ.

އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ސޮން ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހަދައިފައެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ކުލުސެވްސްކީގެ އެހީތެރިކަމާއެކުއެވެ.

މެޗުން މޮޅުވެ ޓޮޓެންހަމް ތާވަލްގެ ހަތަރު ވަނައިގައި އޮތީ 57 ޕޮއިންޓާއެކުއެވެ. އެއް ވަަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބެނީ 73 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 72 ޕޮއިންޓް ލިބޭއިރު، ތިން ވަނައިގައި އޮތް ޗެލްސީއަށް ލިބެނީ 62 ޕޮއިންޓެވެ.

comment ކޮމެންޓް