ފްލެޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ދޫކޮށްލުމުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ބޭރުކޮށްލައިފިއެވެ.
އައްމަޓީ ހައްޔަރުކުރި ފަހުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ތިން ފަހަރަށް އަމަރުކޮށްފައެވެ. އެންމެ ފަހުން ދޫކޮށްލުމަށް ނިންމީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ.
އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް, މައްސަލަ ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ.
ހައި ކޯޓުން އެ މައްސަލަ ބަލައި ނުގަނެ މިއަދު ބޭރުކޮށްލާފައިވަނީ, އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ.
ކޯޓު އަމުރުތައް އިސްތިއުނާފް ކުރުމަށް 48 ގަޑިއިރުގެ މުހުލަތެއް އޮންނަނީ ދީފައެވެ.
ނަމަވެސް ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުން ބުނީ, އައްމާޓީގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާނީ 48 ގަޑިއިރު ހަމަވުމުގެ ކުރިން ކަމަށެވެ. އެގޮތުން ދައުލަތުން 48 ގަޑިއިރު ގުނާފައިވަނީ ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލި ދުވަސް ނުލައެވެ. ގާނޫނުގައި ވެސް ބުނަނީ އެ މުއްދަތު ގުނާއިރު ކަން ހިނގި ދުވަހާއި ނިމޭ ދުވަސް ނުގުނާނެ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ, ކަން ހިނގި ދުވަހާއި ނިމޭ ދުވަސް ނުގުނި ނަމަވެސް ގަޑިއިރު ގުނުމުގައި އެފަދަ އުސޫލެއް ނެތް ކަމަށެވެ. އެހެންކަމުން އައްމަޓީގެ މައްސަލަ ބޭރުކޮށްލުމަށް ނިންމީ ކްރިމިނަލް ކޯޓުން އަމުރު ނެރުނުތާ 48 ގަޑިއިރު ވެފައިވާތީ ކަމަށެވެ.
ހައިކޯޓުގެ ނިންމުމާ މެދު ޕީޖީން ހިތްހަމަ ނުޖެހޭތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް މިހާރު ވަނީ ނިންމައިފައެވެ.
އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
ސީލައިފް އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ.
އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.