ބޮޑުވަޒީރުކަމުން ބޭބެ މަހިންދަ ރާޖަޕަކްސަ ދުރުކުރުން ނޫން ގޮތެއް ސްރީލަންކާގެ ރައީސަށް މިހާރު ނެތް

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އާއި އޭނާގެ ބޭބެ ބޮޑުވަޒީރު މަހިންދަ

ކޮލަންބޯ (އެޕްރީލް 6): ސްރީލަންކާގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ސަރުކާރަށް ގެއްލުމާއި އިދިކޮޅު ފަރާތްތައް ގުޅިގެން ސަރުކާރެއް އެކުލަވާލަން ކުރާ މަސައްކަތް ނާކާމިޔާބު ވުމުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން ދުރުކުރުން ނޫންގޮތެއް ސްރީލަންކާގެ ރައީސަށް ނެތްކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނަންހާމަކުރަން ނޭދޭ ސްރީލަންކާގެ މަސްއޫލުވެރިއަކާ ހަވާލާދީ މިޑީއާ ރިޕޯޓްތައް ބުނާގޮތުން ސަރުކާރަށް އަޣްލަބިއްޔަތު ގެއްލުނު ނަމަވެސް އަމިއްލަ މެންބަރުންގެ ވޯޓާއެކު ސަރުކާރު ބޭނުންވާ ގާނޫނުތައް ފާސްކުރުމުގެ ފުރުސަތު އަދި އެބައޮތެވެ. އަދި ރައީސް ގޮތަބަޔަ މަގާމުން ދުރުކުރުމަށް ޕާލަމެންޓްގެ ތެރެއިން މަސައްކަތް ކުރެވޭވަރުގެ ބޮޑު އަޣްލަބިއްޔަތެއް އިދިކޮޅަށް ލިބިފައެއް ނުވެއެވެ.

ނަމަވެސް އިދިކޮޅުގެ އެއްބާރުލުން ނެތި ސްރީލަންކާ މިހާރު ވެއްޓިފައިވާ ތަދުމަޑުކަމުގެ ވަޅުގަނޑުން އަރައިގެނެވޭނެ ގޮތެއް ނޯންނާނެއެވެ. ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގައި ބަހައްޓައިގެން އިދިކޮޅުގެ އެއްބާރުލުން ހޯދުމަކީ ރައީސަށް ކުރެއްވޭނެ ކަމެެއްނޫނެވެ. އެެހެންކަމުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން ދުރުކުރުން ނޫންގޮތެއް ސްރީލަންކާގެ ރައީސަށް މިހާރަކު ނެތެވެ.

ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ސަރުކާރަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލުނީ ގޮތަބަޔައާއެކު ކޯލިޝަން ހަދާފައިވާ ކުރީގެ ރައީސް މައިތުރިޕަލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ ކޯލިޝަނުން ވަކިވުމާ ގުޅިގެންނެވެ.

ސިރިސޭނާ ވިދާޅުވިގޮތުގައި އޭނާގެ ޕާޓީ ސަރުކާރުން ވަކިވީ ސަރުކާރުން ހަދަމުން ގެންދާ ގޯސްތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީއެވެ. ފްރީޑަމް ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކުގައި ކަމަށާ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ބަޔަކާއެކު ނުތިބޭނެ ކަމަށް ސިރިސޭނާ ވިދާޅުވިއެވެ.

ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ސަރުކާރުގެ ބޮޑުވަޒީރަކީ އޭނާގެ ބޭބެ އަދި ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސައެވެ. އެ ސަރުކާރުގެ ހުރިހާ ވަޒީރުން މިހަފްތާގެ ކުރީކޮޅު އިސްތިއުފާ ދެއްވުމުން އަލުން އެކުލަވާލާ ސަރުކާރުގައި އިދިކޮޅު ފަރާތްތައް ޝާމިލްކުރަން ރައީސް ގޮތަބަޔަ ކުރެއްވި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. އަލަށް އެކުލަވާލާ ސަރުކާރަށް އައްޔަން ކުރި ބައެއް ވަޒީރުންގެ ތެރޭގައި ހިމެނޭ މާލީ ވަޒީރުވަނީ އެއްދުވަސްތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

މިއާއެކު މަހިންދަ ރާޖަޕަކްސަ މަގާމުން ދުރުނުކޮށް އޭނާގެ ބޮޑުވަޒީރުކަމުގައި އައު ސަރުކާރެއް އެކުލަވާލެވިދާނެކަމާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ. ރިޕޯޓްތައް ބުނާގޮތުން ބޭބެ މަހިންދަ މަގާމުން ދުރުކުރުން ނޫންގޮތެއް ރައީސް ގޮތަބަޔައަކަށް މިހާރު ނެތެވެ. އެހެންކަމުން ދެން ގޮތަބަޔަ އަޅުއްވާނެ ފިޔަވަޅަކީ ބޭބެ މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކޮށް އެޕާޓީގެ އައު ބޭފުޅެއްގެ ޒައާމަތުގެ ދަށުން ސަރުކާރެއް އެކުލަވާލެވޭތޯ ބެލުމެވެ.

އެކަން ނުކުރެވިއްޖެނަމަ ދެން އޮންނާނީ ދައުރު ފުރިހަމަ ނުވަނީސް އަލުން އިންތިޚާބަކަށް ދާން ނިންމުމެވެ. މިއީ ވަރަށް ވޭންދެނިވި ނިންމުކަށްވާނެތީ މިކަން ކުރައްވާނީ ހުރިހާ ކޮޅެއް ބަންދުވެ ގޮތް ހުސްވުމުންނެވެ. މިހާރު މިދަނީ އެދިމާއަށެވެ.

ސްރީލަންކާއަށް ސިޔާސީ މައްސަލަތައް ކުރިމަތިވީ ފަހުގެ ތާރީޚެއްގައި އެގައުމަށް ކުރިމަތިވެފައި ނުވާވަރުގެ އިޤްތިޞާދީ ބޮޑު ތަދުމަޑުކަމެއްގެ ތެރެއަށް ރައީސް ގޮތަބަޔަގެ ވެރިކަމުގައި އެގައުމު ވެއްޓިގެން ދިޔުމުންނެވެ. މީގެތެރޭގައި ކާބޯތަކެތީގެ ދަތިކަން ބޮޑުވުމާއި ފައިސާގެ އަގުވަރަށް ބޮޑަށް ވެއްޓުމާއި ތެލާއި ގޭސް އަދި ކަރަންޓު ފަދަ އަސާސީ ތަކެތި ލިބުން ވެސް އިންތިހާއަށް ދަތިވުން ހިމެނެއެވެ.

މިމައްސަލަތަކާއެކު ސްރީލަންކާގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. ސްކޫލްތަކާއި ތައުލީމީ މުއައްސަސާތައްވެސްވަނީ ބަންދުކުރަންޖެހޭ ހިސާބަށް ގޮސްފައެވެ. މިމައްސަލަތަކާއެކު ސްރީލަންކާގެ އާންމުންގެ ގިނަ ބައެއްގެ ތާއީދުވެސް ސަރުކާރަށް ގެއްލި އާންމުންވަނީ މަގުތަކަށް ނުކުމެ ރައީސާއި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވަން ފަށާފައެވެ.

comment ކޮމެންޓް