ޓޮޓެންހަމާއެކު ކުޅެން މިހާރު ފަސޭހައެއް ނުވާނެ: ކޮންޓޭ

ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޓޮޓެންހަމް މިހާރު އޮތް ފޯމުގައި އެ ޓީމާއެކު ކުޅުމަކީ އެއްވެސް ޓީމަކަށް ފަސޭހަކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ލީގުގައި ރޭ ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

ޓޮޓެންހަމުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައެވެ.

ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޓޮޓެންހަމް ވަނީ ލީގުގެ ގަދަ ހަތަރަކަށް އަރާފައެވެ. މިއީ ކޮންޓޭ އެ ޓީމަށް އިރުޝާދު ދޭން ފެށިން ފަހުން އެ ޓީމު ގަދަ ހަތަރަކަށް އެރި ފުރަތަމަ ފަހަރެވެ. މިވަގުތު އެ ޓީމުން ހަތަރު ވަނައިގައި އޮތީ 54 ޕޮއިންޓު ހޯދައިގެންނެވެ.

"އަހަރެމެންގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ. މި މޮޅަކީ ކުރިއަށް ދާން ލިބުނު ހިތްވަރެއް. ކުޅުންތެރިންގެ އިތުބާރު ވެސް ބޮޑުވަމުން ދަނީ. ޕްރިމިއާ ލީގަކީ ވަރަށް ޓަފް ލީގެއް. ނަތީޖާ ކޮންމެ ގޮތަކަށް ވެސް ނިކުމެދާނެ. އެކަމަކު، ޙަޤީޤަތަކީ އަހަރެމެންނާއެކު ކުޅެން މިހާރު ފަސޭހައެއް ނުވާނެކަން،" ކޮންޓޭ ބުންޏެވެ.

މީގެ އިތުރުން ކޮންޓޭ ވަނީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭންއަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. ކޮންޓޭ ފާހަގަކުރި ގޮތުގައި މެޗުގައި ކޭންއަށް ލަނޑެއް ނުޖެހުނު ނަމަވެސް، އޭނާގެ ފަރާތުން ފެނުނު ކުޅުމާމެދު އޭނާ ހިތްހަމަޖެހެއެވެ.

އޭނާ ބުނީ މޮޅެތި ކުޅުންތެރިންނަކީ މާ ބޮޑެތި މަސައްކަތެއް ކުރާ ބަޔެއް ނޫންކަމަށެވެ. ނަމަވެސް، އެ ޓީމުގެ ކެޕްޓަން ކޭންއަކީ އެކަހަލަ ކުޅުންތެރިޔެކޭ ނުބުނެވޭނެކަމަށް ވެސް ކޮންޓޭ ބުންޏެވެ. ކޭން އަކީ ކަންނެތް ކުޅުންތެރިއެއް ނޫންކަމަށާއި، އޭނާ އަކީ ބުރަ މަސައްކަތްކުރާ މޮޅު ކުޅުންތެރިއެއް ކަމަށް ކޮންޓޭ ބުންޏެވެ. އަދި އޭނާ އެ ޓީމާ ހަވާލުވީއްސުރެ، ކޭންގެ ޕާފޮމެންސް ހުރީ ވަރަށް އުހުގައި ކަމަށް ކޮންޓޭ ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް