ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީ ފޯރުކޮށްދިނުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ލަންކާއަށް ބޭރު ފައިސާ ނުލިބި، ތެލާއި ކާބޯތަކެތި އެތެރެ ނުކުރެވޭ ހާލަތަށް ހިނގައްޖެ -- ފޮޓޯ/ ސީއެންއެން

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީ ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަަލަ ބޭރުކޮށްލައިފިއެވެ.

ލަންކާގަ އާންމު ހާލަތު ގޯސްވުމާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލައި، ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް މިއަދު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

އެ މައްސަލައިގައި ވަނީ, ލަންކާގެ ސިޔާސީ, އިޤްތިޞާދީ އަދި އާންމު ހާލަތު ގޯސްވުމުން އެގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ސްރީލަންކާގެ ހާލަތު ގޯސްވުމުގެ ސަބަބުން އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ކެއިން ބުއިމަށް ބޭނުންވާ ތަކެތި ނުލިބުމާއި ގިނަ ވަގުތުތަކުގައި ކަރަންޓު ނުލިބޭތީވެ، ހޯދޭ މަދު ކާބޯތެކަތި ފްރިޖުގައި ރައްކާކުރަން ދަތިވުމާއި ދަތުރުފަތުރު ކުރަން ދަތިވުމާއި މިނޫންވެސް އެތައް ވޭނަކާއި ތުރާލެއް ދިވެހިން ތަހައްމަލު ކުރަމުންދާތީ،" އެ މައްސަލައިގައިވެއެވެ.

އެ މައްސަލަތަކުގެ ސަބަބުން ލަންކާގައި ތިބި ދިވެހިން ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ކުރަމުން ދަނީ ދަތި، ނިކަމެތި ހާލަތެއްގައި ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން ލަންކާގައި ތިބި ދިވެހިންގެ ހާލަތު ވަކިވަކިން، ދުވަހުން ދުވަހަށް ބެލުމަށް އެ މައްސަލައިގައި ގޮވާލާފައިވެއެވެ.

"ދިވެހި ސަރުކާރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް މާލީ ހިއުމެނިޓޭރިއަން އެސިސްޓެންސް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށާއި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ދިވެހިންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެ މައްސަލަ ބަލައިގަތުމާ ބެހޭ ގޮތުން މަޖިލީހުގައި ނެގި ވޯޓުގައި 55 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ ތެރެއިން މައްސަލަ ބަލައިގަތުމަށް 11 މެންބަރުން ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް 44 މެންބަރުން ވޯޓުދެއްވިއެވެ.

ކޮވިޑް-19އިގެ ތެރޭގައި ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމުން އެގައުމަށް ބޭރުގެ ފައިސާ ލިބުން ދަތިވެ، ތެލާއި ކާބޯތަކެތި އެތެރެ ކުުރުމަށް ބުރޫ އެރިއެވެ. އަދި އެގައުމުގެ ފައިސާގެ އަގު ވެއްޓި، ރައްޔިތުންނަށް އަސާސީ ތަކެތި ލިބުން ވަނީ ދަތިވެފައެވެ.

އެ މައްސަލަތަކުގެ ސަބަބުން ލަންކާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް އެގައުމުގެ ކެބިނެޓުގައި ތިއްބަވާ ހުރިހާ މިނިސްޓަރުން ރޭ ވަނީ އިސްތިއުފާ ދެއްވާފައެވެ. އެގައުމުގައި އާ ކެބިނެޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް