ހަޔާ އެޑިއުކޭޝަންގެ ޕީއެސްއާއި އިތުރު ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގަމުން އަންނަ ވެލާނާގެ އިމާރާތް: ހަޔާރ އެޑިއުކޭޝަން މިނިސްޓްރީގެ ތިން މުވައްޒިފުން ވަނީ ސަސްޕެންޑް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސިޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ފާތުމަތު ހިލްމީއާއި އިތުރު ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހީމް ރަޝީދު 'ސަން'އަށް ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ އިތުރުން ދެ މުވައްޒަފުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

އެ ތިން މުވައްޒަފުން ސަސްޕެންޑުކޮށްފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަށް މިދިޔަ ހަފުތާގައެވެ. ނަމަވެސް ސަސްޕެންޑު ކުރި ސަބަބެއް ސީއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ތިން މުވައްޒަފުން ސަސްޕެންޑުކޮށްފައިވަނީ ގަވާއިދާއި އުސޫލްތަކާ ހިލާފަށް އެތަނުން ވަޒީފާ ދޭ މައްސަލަތަކެއްގެ ސަބަބުންނެވެ. އަދި ސީއެސްސީން ތަހުގީގު ކުރަމުން ދަނީ އެފަދަ މައްސަލަތަކެއް ކަން ވެސް ވަނީ އެނގިފައެވެ.

އެއް މަސް ދުވަހުގެ ތެރޭގައި އެ ތަހުގީގު ނިންމާ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި އެ މަރުހަލާގައި މުވައްޒަފުން ސަސްޕެންޑު ކުރަނީ ކުށްވެރިވެގެން އަދަބު ދިނުމުގެ ގޮތުން ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް