ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ހިޔާ ފްލެޓުތަކުން ކުލި ނަގަން ފެށުން އަދި ތިން މަސް ލަސްކޮށް ދިނުމަށް މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ އިއްޔެއިން ފަށައިގެން ހިޔާ ފްލެޓުން ކުލި ނަގަން ފަށާފައެވެ.
"އެއީ ރައްޔިތުންނަށް ޖެއްސުން ކުރުމަށް ސަރުކާރުން ކުރަމުންދާ ކަމެއް. ރައްޔިތުންގެ ނިކަމެތި ހާލަތެއް ސަރުކާރަކަށް ނުވިސްނޭ. ރައްޔިތުންގެ ކެކުޅުންތަކެއް ސަރުކާރަކަށް ފަހުމެއް ނުވޭ ކަންނޭނގެ. ރައްޔިތުންނާ ސަރުކާރާ ވަރަށް ދުރު. އެއީ ވަރަށް ހާލުގައި ރައްޔިތުން އެ އެޅުނީ. ޚާއްޞަކޮށް މި ފްލެޓަށް ބަދަލުވި މީހުން," ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރި ގިނަ މީހުން އެ ތަނުގެ ފިނިޝިން މަސައްކަތް ނިންމުމަށް ލައްކައަކާ ދެ ލައްކައާ ގާތް ކުރާ އަދަދެއްގެ ލޯނު ނަގާފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
"އެހެން އޮތްވާ އަނެއްކާ ރޯދަމަސް މިއައީ. ރޯދަމަހަކީ ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނެ އެންމެ ޚަރަދުތައް ބޮޑުވާ މަސް. ދެން އަނެއްކާ މި މަހު ކުލި ދައްކަން މިޖެހެނީ," މުޢިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުން ކުލި ނެގުމަށް މަދުވެގެން ނުވަ މަސް ދިނުމަށް ސަރުކާރަށް ގޮވާލެއްވިކަން ފާހަގަކޮށް މުޢިއްޒު ވިދާޅުވީ, އެކަމަށް ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ. އަދި ހަ މަސް ވުމުން ކުލި ނަގަން ނިންމާފައި އޮތް ނިންމުން ސަރުކާރުން ބަދަލުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހަމަ ކުލި ދައްކަން ފެށުން ލަސްކޮށްދޭންވީ. އަޅުގަނޑުމެން އެދިފަ އޮންނާނެ ނުވަ މަސް ދިނުމަށް. އޭގެ މާނައަކީ އަދި ތިން މަސް އިތުރަށް ދެއްވާށޭ," މުޢިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސް ކުރުމުގެ އިތުރުން އެތަންތަން ހެދުމަށް ޚަރަދުވި އަގުގެ އެވަރެޖް އަގެއް ބެލުމަށްފަހު, ފްލެޓް މިލްކު ކުރުމަށް ދައްކަންޖޭ އަދަދުން އެބައި އުނިކޮށްދިނުމަށް ވެސް މުޢިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންގެ އިތުރުން ޖުމްލަކޮށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ވެސް އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށް މޭޔަރު ވިދާޅުވިއެވެ. އޭގެ ތެރެއިން މާލޭގެ ރައްޔިތުން އިސްތިސްނާ ނުވާ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
"އެކަމަށް ސަރުކާރުން ވިސްނަވައި ރޯދަމަހާ ދިމާކޮށް ކަރަންޓާ ފެން ބިލުން އެކަށީގެންވާ އަދަދެއްގެ ލުޔެއް ދިނުމަކީ ސަރުކާރުން ކޮށްދެއްވަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެނޭ," އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މުޢިއްޒު ވިދާޅުވިއެވެ.