ހިޔާ ފްލެޓުތަކުން ކުލިނަގަން ފަށައިފި

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ހިޔާ ފްލެޓުތަކުން ކުލި ނަގަން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭ ކޮށްފައިވާ އިޢުލާނެއްގައި ވަނީ ހިޔާ ފްލެޓްތަކުން މިއަދުން ފެށިގެން ކުލި ނަގަން ފަށާފައިވާ ކަމަށެވެ.

އެޗްޑީސީން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން އެޗްޑީސީ ކަލެކްޝަން ކައުންޓަރާއި އޮންލައިން "ޕޭމަންޓް ޕޯޓަލް" މެދުވެރިކޮށް ވެސް ކުލި ދެއްކޭނެއެވެ.

އޮންލައިންކޮށް ފައިސާ ދައްކާނަމަ، އެޗްޑީސީގެ "މައިހުޅުމާލެ" ވެބް ޕޯޓަލް އިން ލޮގިން ކުރުމަށްފަހު ފްލެޓަށް ފައިސާ ދެއްކޭނެއެވެ. ނަމަވެސް އޮންލައިންކޮށް މިވަގުތު ފައިސާ ދެއްކޭނީ ބެންކް އޮފް މޯލްޑިވްސްގެ ކާޑުން އެކަނި ކަމަށް އެޗްޑީސީގެ އިއުލާނުގައިވެއެވެ.

ފްލެޓުގެ ކުލި ބަަލައިގަތުމަށް ވަނީ އެޗްޑީސީގެ މައި އޮފީހުގައި ވަނީ ޚާއްސަ ކައުންޓަރެއް ބަހައްޓާފައެވެ. ކައުންޓަރުތައް މެދުވެރިކޮށް ނަގުދު ފައިސާ އާއި ޗެކު އަދި ބޭންކު ކާޑުން ވެސް ފައިސާ ދެއްްކޭނެއެވެ.

ހިޔާ ފްލެޓު ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނެންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާއެކު ޖުމްލަ 8،500 ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް މި ދިޔަ އޮގަސްޓު މަހުން ފެށިގެން މީހުން އަންނަނީ ދިރިއުޅެމުންނެވެ. ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް ކުލި ނަގާފައެއް ނުވެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ހިޔާގެ 16 ޓަވަރުގައި 7،000 ފްލެޓު ހުރެއެވެ. އޭގެތެރެއިން ގިނަ ފްލެޓްތަކުގައި މީހުން ދިރިއުޅެން ވަނީ ފަށައިފައެވެ. އެ ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން މި ސަރުކާރުން ދޫކޮށްފައިވަނީ 6،720 ފްލެޓެވެ.

comment ކޮމެންޓް