ވަޔާލެސްކޮށް އެކި އެކި ޑިވައިސްތައް ޗާކްކުރެވޭ ބެންޗެއް އެޗްޑީސީން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަދައިފިއެވެ.
ސެންޓަރަލް ޕާކުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ސްމާޓް ޕޯލާއި ސްމާޓް ބެންޗް އިފްތިތާޙްކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ މިއީ ރާއްޖެފަދަ ގައުމެއްގައި ރައްކާތެރި ގޮތެއްގައި ތިމާވެށި ދެމެހެއްޓުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ރާއްޖެފަދަ އިޔާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުން ކުރެވެމުން އަންނަ ގައުމެއްގައި މިއީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއްގައި ފޯރުކޮށްދެވޭ ޚިދުމަތެއް ކަމަށް ދެކެން،" މިނިސްޓަރު ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެ އަމާޒަށް ވާސިލްވުމަށްޓަކައި ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ވެސް މިފަދަ ޚިދުމަތްތައް ގާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙްމަދު ވިދާޅުވީ، ވަޔަލެސް ކޮށް ފޯނު ޗާޖުކުރެވޭ ވަސީލަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންކުރާ މިންވަރަށް ބަލައި މިފަދަ ވަސީލަތްތައް އިތުރުކުރަން މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތްތާގަ މިއަށް ވުރެ ފުޅާ ކޮށް މިކަން ކުރެވިގެން ދާނެ،" ސުހައިލް ވިދާޅުވިއެވެ.
ސޯލާ ބެންޗުން ފޯނު ޗާޖުކުރުމަށް އެ ބެންޗުމަތީ ފޯނު ބޭއްވުމުން އެ ޚިދުމަތް ލިބޭނެއެވެ. އަދި ސެންޓަރަލް ޕާކުގައި ހުރި ޕޯލަކީ ވެސް އިޔާދަކުރުވަނިވި ހަކަތަ އުފައްދާ ވަސީލަތެކެވެ.
އެޗްޑީސީގެ ސްމާޓް ސިޓީ ތަސައްވުރުގެ އެންމެ މުހިއްމު އެއް މަޤުސަދަކީ ހުޅުމާލޭގައި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ޤާއިމްކުރެވުނު ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އަކީ ސިޓީއަށް އިތުރު ފުރިހަމަ ކަމާއި ރީތިކަން ގެނެސްދޭފަދަ ޒަމާނީ ގޮތަކަށް ފަރުމާ ކުރެވިފައިވާ އޮމްނިފްލޯގެ އުފެއްދުމެކެވެ.