ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ބޭއަދަބީ ޓުވީޓެއް ކުރުމުން އެކައުންޓު ހެކްކުރީ ކަމަށް ބުނެ ފުލުހަށް ހުށަހެޅި މައްސަލަ އަދިވެސް ބަލާ ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ޢަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ބޭއަދަބީ ގޮތަކަށް ރައްދުދީ ޓްވީޓްކޮށްފައިވަނީ, އެމްޑީޕީގެ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ކޮށްފައިވާ ޓްވީޓަކަށެވެ.
ފޯރިގަދަވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ލޫކަސް ޖަލީލް ކޮށްފައިވާ ޓްވީޓްގައި ވަނީ ދެން އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލްގެ ކެމްޕެއިން ސްލޯގަންއަށް ފާޑުކިޔާފައެވެ.
އެ ޓްވީޓަށް ރައްދުދެއްވައި ޢަލީ ޒާހިރުގެ އެކައުންޓުން ކުރި ޓުވީޓުގައި ބޭއަދަބީ ބަހެއް ބޭނުންކޮށް ލޫކަސްއާ މުހާތަބުކޮށް ބުނެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެތްގަދަ ކަމަށާއި އެކަހަލަ މީހުން ބައިތިއްބައިގެން ސަރުކާރު ހިންގަމުންދާ ކަމަށެވެ.
ދިހަވަރަކަށް މިނެޓް ފަހުން އެ ޓްވީޓް ވަނީ ޑިލިޓް ކޮށްފައެވެ. އެއަށްފަހު ޢަލީ ޒާހިރުގެ އެކައުންޓުން ދެން ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ, އޭނާގެ އެކައުންޓު ވަނީ ކޮމްޕްރޮމައިޒްކޮށް ހުއްދަނެތި ޓުވީޓުކޮށްފައި ކަމަށެވެ. އެކަން ރަނގަޅުކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެން ވިދާޅުވެ އެ މައްސަލަ އޭނާ ވަނީ ފުލުހަށް ހުށަހަޅައިފައެެވެ.
ތަހުގީގާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މި ނޫހަށް ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށާއި އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
ޢަލީ ޒާހިރުގެ ވެރިފައިޑް އެކައުންޓުން ބޭއަދަބީ ޓުވީޓެއް ކޮށްފައިވާއިރު އެއީ ފޭކް އައިޑީއަކުން ރައްދު ދޭން އުޅެނިކޮށް ކުރެވުނު ޓްވީޓެއް ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.
ޢަލީ ޒާހިރުގެ ޓުވީޓާ ގުޅިގެން އެހެން ޕާޓީތަކާއި ސަރުކާރުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ނުފޫޒު ފޯރުވަނީ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.