ރައީސް ނަޝީދުގެ ސަބަބުން ރައްޔިތުންނަށް އާންމު އުނދަގުލެއް!

ރައީސް ނަޝީދުގެ އާއިލީގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރުގޯޅި ބަންދުކޮށްފައި ----

ތެދެކެވެ. އެއީ ވަރަށް ހިތްތިރި ބޭފުޅެކެވެ. އުޅުއްވީ ރައްޔިތުންނާ ވަރަށް ގާތުގައެވެ. ކަންމަތީ ހޮޓާތަކުން ފަރިއްކުޅުއްވާ ސައިވެސް ބެއްލެވިއެވެ. އޮފީސް ނިންމަވާލުމަށްފަހު އަދި އެހެނިހެން ވަގުތުތަކުގައި ވެސް ހިންގަވާފައި އުޅުއްވިއެވެ.

ނަމަވެސް އެ މަންޒަރު ބަދަލުވީ, މިދިޔަ އަހަރު މޭ މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާއަށްފަހުގައެވެ.

ފަރުވާއަށް ރާއްޖެއިން ބޭރުގައި ހަތަރު މަހެއްހާ ދުވަހު އުޅުއްވުމަށްފަހު މާލެ ވަޑައިގަތްއިރު މަންޒަރު އޮތީ މުޅިން ބަދަލުވެފައެވެ.

ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ހަށިފާރަވެރިންނާ 'ޑީލެއް' ހެއްދެވުމަށްފަހު ކަންމަތީ ހޮޓަލުން ސައިތައްޓެއް ބައްލަވައިގަތް ދުވަސް ފާއިތުވެއްޖެއެވެ. ފަރުވާއަށްފަހު މާލެ ވަޑައިގަތް އެއާޕޯޓުން ނިކުތްއިރު ސަޕޯޓަރުން ތިބެން ޖެހުނީ 100 އެއްހާ ފޫޓް ދުރުގައެވެ. އެ މަންޒަރު ފެނި ރައީސް ނަޝީދު ކުޑަ ވަގުތުކޮޅަކަށް ހުއްޓުންވެސް އެރިއެވެ. އެމަނިކުފާނަކީ ސަޕޯޓްރުންނާ ވަރަށް ދޯޅަ ބޭފުޅެކެވެ. ޚާއްޞަކޮށް ގިނަ ދުވަސްތަކެއް ވަންދެން ސަޕޯޓަރުންނާ ދުރުގައި ހުންނެވުމަށްފަހު ބައްދަލުވާ ހިނދުކޮޅުތަކަކީ ކުޅި ބެލުންތެރިންނަށް ވެސް ބަލާލަން ވަރަށް ހިތްގައިމު މަންޒަރެކެވެ.

މަންޒަރު ބަދަލުވެގެން މި ދިޔައީ ފަޅި ސިކުންތަކުންނެވެ.

ރާއްޖެ ވަޑައިގަތުމަށްފަހު ހުންނަވަން ވެސް ޖެހުނީ މާލޭގައި ހުރި އެންމެ އަގުބޮޑު ހޮޓަލުގައެވެ. ރެއަކަށް ތިރީހަކަށް ހާސް ރުފިޔާ ޚަރަދުކޮށްގެން 21 ދުވަހު ހޮޓަލް ޖެންގައި ހުންނެވީ ފައިވް ސްޓާ ފެންވަރުގެ ސެކިއުރިޓީއާއެކުއެވެ.

މަޖުބޫރީ ހާލަތުގެ ސަބަބުން ރައްޔިތުންގެ ނުރުހުން

އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާއަށްފަހު ރައީސް ނަޝީދަށް އޮތް ލޯބި އިތުރުވެގެންދިޔައެވެ. އަދި އެއާއެކު ގިނަ ބައެއްގެ ނުރުހުން ވެސް އަމާޒު ވާން ފެށިއެވެ.

ހަމަލާއަށްފަހު ރައީސް ނަޝީދަށް ދޭން ފެށީ އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީއެވެ. ދެކުނު އޭޝިއާގެ މަންޑޭލާގެ ގޮތުގައި މީގެ ކުރިން ބައެއް ފަރާތްތަކުން މުޚާތަބުކުރި ނަޝީދު ސިފަވަނީ ނޯތު ކޮރެއާގެ ރައީސްގެ ގޮތުގައި ކަމަށް ވެސް ބައެއް މީހުން ބުނަމުންދިޔައެވެ.

ސެކިއުރުޓީ ބެލެހެއްޓުމަށް އެއް ކާރާއި ދެތިން ބޮޑީގާޑުންނާ އެކު އުޅުއްވި ނަޝީދު, މިހާރު އާދައިގެ ރައްޔިތަކަށް ހަމަލޮލުން ފެނުމަކީ ދުރުކަމެކެވެ. ޚާއްޞަކޮށް ވެރިރަށް މާލޭގެ މަގެއް މަތިންނެވެ.

ނީލޯފަރު ގޯޅި ބަންދުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މީހަކު އޭނާގެ ޝުއޫރުފާޅުކޮށް ކޮށްފައިވާ ޕޯސްޓެއް ----

ރަނގަޅު ފެންވަރަކަށް މަރާމާތުކޮށް ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް ރައީސް ނަޝީދު ލެއްވީ މުރައިދޫ ގެއަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެމަނިކުފާނުގެ އާއިލީ ގެކޮޅު ގ. ކެނެރީގެއަށް ވަޑައިގަންނަވައެވެ. ބައެއް ފަހަރު ދުވާލަކު ދެ ފަހަރު ވެސް ވަޑައިގަންނަވައެވެ.

ރައީސް ނަޝީދު ކެނެރީގެއަށް ކިތަންމެ ގިނައިން ވަޑައިގަތް ނަމަވެސް އެއަކު މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ އެކަމުގެ ސަބަބުން އާންމުންނަށް އުނދަގުވާ ހިސާބުންނެވެ. ދުވަހުގެ އެންމެ ބާރު ބޮޑު ގަޑިތަކުގައި ކެނެރީގެ ހުންނަ ނީލޯފަރުގޯޅި ބަންދުކޮށްފައި ހުރެއެވެ. އޭގެ ސަބަބުން އެ ސަރަހައްދުން މަޖީދީ މަގަށް ނިކުންނަ މީހުން ނީލޯފަރު މަގުގައި ތޮއްޖެހި މުޅި ސަރަހައްދު ބްލޮކްވެއެވެ.

ނީލޯފަރު ގޯޅި ބަންދުކުރުމުގެ ސަބަބުން އެކަމުގެ ތަކްލީފް ޖެހޭ މީހެއްގެ ޝުއޫރު ----

"ސްކޫލް ގަޑީގައި އެ މަގު ބަންދު ކޮށްފައި އޮތުމުން ބައެއް ދުވަސްތަކު ގަޑިޖެހިގެން ދަރިފުޅު ސްކޫލަށް ގެންދަން އެބަޖެހޭ. ކޮން ގަޑިއަކު ކަމެއް ނޭންގެ އެ މަގު ބަންދުކޮށްފައި އޮންނާނީއެއް," އާންމު ގޮތެއްގައި ނީލޯފަރު މަގުން އިސްކަންދަރު ސްކޫލަށްދާ ބެެލިނެވިރިއެއް އޭނާގެ ކަންބޮޑުވުން ހާމާކޮށް ބުންޏެވެ.

ނީލޯފަރު ގޯޅި ބަންދުކުރުމުގެ ސަބަބުން އެކަމުގެ ތަކްލީފް ޖެހޭ މީހެއްގެ ޝުއޫރު ----

ބައެއް މީހުން ބުނި ގޮތުން އެ މަގު ބަންދުކުރުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް މައްސަލައަކަށްވަނީ އެ މަގު ބަންދުކޮށްފައި އޮންނާނީ ކޮން ގަޑިއަކު ކިހާއިރެއް ވަންދެންކަން ނޭންގޭތީއެވެ.

"މިސާލަކަށް މިއަދުގެ ސްކޫލް ގަޑީގައި އެ މަގު ބަންދުވާނެކަން އެނގޭ ނަމަ އަހަރެން ނުދާނަން އެ ތަކުލީފު އުފުލާކަށް އެތަނަކަށް," އަލިކިލޭގެފާނުމަގުގައި ދިރިއުޅޭ ބެލިނިވެރިއަކު ބުންޏެވެ.

ނީލޯފަރު ގޯޅި ބަންދުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ލިބެެން ޖެހޭ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޕޯސްޓެއް ----

"ކީއްތޯ ވާނީ ވެރިން ގެއަށް ވަނީމަ ކާރުކޮޅު މިތާ ނުބާއްވާ ބޮޑީ ގާޑުން ގެވަށައިގެން ތިބިއްޔާ. ނޫނީ ސައިކަލްގައި ދަތުރުކުރެވޭ ގޮތަށް ވޭން ފާރުކައިރީގައި ބޭއްވިއްޔާ. އޭރުން އަޅުގަނޑުމެންކަހަލަ މާމުލީ އިންސާނުންނަށް ވަރަށް ފަސޭހަވެފަ ވޯޓު ދިނުމުގެ ރޫހުވެސް އިތުރުވާނެ ކަމަށް ފެނޭ," ކުޅިވަރުގެ ދާއިރާގައި އުޅުއްވާ ގިނަ ބައެއްގެ އިޙްތިރާމް ލިބިފައިވާ ކުޑަ ޙުސައިން އޭނާގެ ޝުއޫރު ފާޅުކޮށް ބުނެފައިވެއެވެ.

ޝައްކެއް ނެތެވެ. ރައީސް ނަޝީދަށް ފުރިހަމަ ރައްކާތެރިކަން ލިބެންޖެހެއެވެ. ނަމަވެސް އެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެހެން ރައްޔިތުންނަށް ތަކުލީފު ކުޑަވާނެ ގޮތެއް ހޯދަން ޖެހެއެވެ.

comment ކޮމެންޓް