ނ. މާޅެންދޫ ވައިޓް ހައުސް އަޙްމަދު މިރުޒާ މަރާލި މައްސަލަ ސާބިތުވެ، މަރަން ޙުކުމްކޮށްފައިވާ ޏ. ފުވައްމުލަކު ޒާވިއާ ޢަބްދުﷲ ނަޒީފަށް, ވާރިސުން މަޢާފު ދީފިއެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު ވިލިމާލޭ ޕާކްތެރޭގައި ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި މައްސަލާގައި ނަޒީފްގެ އިތުރުން ވ. ފަޒީލާމަންޒިލް، މުޙައްމަދު ޝިފާއުއަށް ވެސް ކުށް ސާބިތުވެ މަރަން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އިތުރުން ހައި ކޯޓުގައި ވެސް މިރުޒާގެ ހުރިހާ ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.
ނަޒީފްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތުއުނާފްކޮށް ޙުކުމާ ހަމައަށް ގޮސްފައިވަނިކޮށް މިރުޒާގެ ބައްޕަގެ ސިޓީއެއް ކޯޓަށް ލިބިފައިވާތީ މިއަދު ވަނީ ވާރިސުންނާ އެކު އަޑުއެހުމެއް ބާއްވާފައެވެ.
ނަޒީފަށް މަޢާފު ކުރި ކަމަށް ބުނެ މިރުޒާގެ ބައްޕަގެ ފަރާތުން ފޮނުވާފައިވާ ސިޓީގެ ކަށަވަރުކަން ޔަގީން ކުރުމަށް ވާރިސުން ހާޒިރު ކުރުމުން, އޭނާގެ ބައްޕަ ބުނެފައިވަނީ އެއީ ސައްހަ ސިޓީއެއް ކަމަށެވެ. އަދި ދަރިފުޅުގެ ގާތިލަށް މަޢާފު ކުރުމަށް ނިންމީ ނަޒީފްގެ ފަރާތުން އޭނާއާ ބައްދަލުކޮށް އެކަމަށް އެދުމުން ކަމަށެވެ.
މިރުޒާގެ ބައްޕަގެ އިތުރުން، ވާރިސުންގެ ގޮތުގައި ދެން ތިބި ތިން މީހުން ވެސް ވަނީ ގާތިލަށް މަޢާފު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އެއީ ގާތިލަށް މަޢާފު ދިނުމަށް ބައްޕަ ނިންމުމުން އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ވެސް ވާރިސުން ވަނީ ބުނެފައެވެ.
ތަހުގީގު މަރުހަލާއިން ފެށިގެން ދަށު ކޯޓުން ޙުކުމް ކުރުމާ ހަމައަށް ވެސް އެ ކުށް ނުކުރާ ކަމަށް ނަޒީފް އައީ ބުނަމުންނެވެ. އެހެންކަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު ވަނީ އެ ކުށް ކުރި ކަމަށް ނަޒީފް އެއްބަސްވިތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.
މިރުޒާގެ ބައްޕަ ބުނެފައިވަނީ, އޭނާ ގަބޫލުކުރާ ގޮތުން މާފަށް އެދޭނީ ކުށެއް ކުރުމުން ކަމަށާއި މަޢާފު ކުރުމަށް ނިންމާފައިވަނީ ދީނީ އިލްވެރިއަކާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އަދި އެކަމަށް އެއްވެސް މަޖުބޫރު ކަމެއް މީހެއްގެ ބިރު ދެއްކުމެއް ވެސް ނެތް ކަމަށް މިރުޒާގެ ބައްޕަ ވަނީ ބުނެފައެވެ.
ދިފާއުން ނަޒީފްގެ ވަކީލް ވިދާޅުވީ, އޭނާގެ މުވައްކިލް ކުށަށް އިންކާރު ކުރި ނަމަވެސް އާއިލާއާ ރަހްމަތްތެރިން, މިރުޒާގެ އާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ނަޒީފް ކުށެއް ނުކުރި ނަމަވެސް އިންސާނެއްގެ ފުރާނަ ގެއްލިފައިވާތީ އެކަމަށް ނަޒީފް ހިތާމަ ކުރާ ކަމަށް ވަކީލް ވިދާޅުވިއެވެ.
އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެއްބަސްވާ ނަމައެވެ. އެންމެ ވާރިސެއް އިންކާރު ކުރި ނަމަވެސް މަރަށް މަރެއް ނުހިފޭނެއެވެ. އަދި ރާއްޖޭގައި މަރަން ޙުކުމް ކުރި ނަމަވެސް އެ ޙުކުމް ތަންފީޒެއް ވެސް ނުކުރެއެވެ. އޭގެ ބަދަލުގައި ގާތިލުން ބައިތިއްބަނީ އުމުރަށް ޖަލުގައެވެ.