ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސް ޔާމީން ކުރެންދުއަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން: ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަންގައި އިސްމާޢީލް މަދީހު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް އެމަނިކުފާނު މިއަދު ކުރެންދުއަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހުސްވެފައިވާ ޅ. ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާޢީލް މަދީޙު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެރަށަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ކުރެންދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މަދީހު ވިދާޅުވީ ބައި އިލެކްޝަންގެ ކާމިޔާބީ ފާހަގަކުރުމަށް ރައީސް ޔާމީން އެރަށަށް ވަޑައިގަންނަވާނީ މިއަދު ހަވީރު 4:00ގައި ކަމަށެވެ.

"ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ މިރަށުގައި އޮންނާނެ. އެ ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ،" މަދީހު ވިދާޅުވިއެވެ.

މިފަދަ ދަނޑިވަޅެއްގައި ރައީސް ޔާމީނާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް މަދީހު ވިދާޅުވިއެވެ.

މަދީހުގެ ކެމްޕެއިނަށް ވެސް ރައީސް ޔާމީން އެރަށަށް ވަޑައިގަތެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހީމް ޝިމާއު އިސްތިއުފާދެއްވުމުންނެވެ. އޭނާ އަކީ އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި ބޭފުޅެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން މަދީހު ކާމިޔާބު ކުރެއްވީ ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ނަސީމާ ވާދަކޮށް 614 ވޯޓުންނެވެ. ނަސީމަށް ލިބިވަޑައިގެންފައި ވަނީ 564 ވޯޓެވެ.

މަދީހު ފިޔަވައި ކުރެންދޫ ކައުންސިލްގައި ދެން ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ. އޭނާ ވިދާޅުވީ ތަފާތު ފިކުރުގެ ބަޔަކާއެކު މަސައްކަތް ކުރަން ޖެހުނަސް ސަރުކާރުން ރަށުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"ސަރުކާރުގެ ވައުދުތައް ފުއްދުމަށް އަޅުގަނޑުގެ ފުލް ސަޕޯޓް ލިބޭނެ. އަޅުގަނޑު ގަބޫލުކުރަނީ ފިކުރު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށް. ޚިޔާލު ތަފާތުވުންތަކާއެކު ވެސް އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭނެ،" މަދީހު ވިދާޅުވިއެވެ.

comment ކޮމެންޓް