މީދޫގެ ބަނދަރު ރައީސް، ރަސްމީ ގޮތުން ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ މީދޫގެ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީ މީދޫގައި ތަރައްގީ ކުރި ބަނދަރު, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

އައްޑޫ ސިޓީ މީދޫ ބަނދަރު ރަސްމީގޮތުން ރައީސް ހުޅުވައިދެއްވާފައި ވަނީ އަނބިކަނބަލުންނާއެކު މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މީދޫ ބަނދަރުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ.

މި މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި ސޭންޑް-ފިލް ބްރޭކްވޯޓާ ހެދުމާއި 115 މީޓަރުގެ ބޭރު ތޮށި ޖެހުމާއި 496 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.

މި ބަނދަރު ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އައްޑޫ ސިޓީ ކައުންސިލާ ބަނދަރު ހަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން މިއަދު ރައީސް ވަނީ ހުޅުދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ހުޅުދޫ ބަނދަރުގެ މަސައްކަތް ވެސް ކުރަނީ އެމްޓީސީސީއިންނެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 624 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 114 މީޓަރުގެ ބްރޭކްވޯޓާ ޖެހުމާއި 742 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ފަދަ މަސައްކަތްތައް ކުރަން ހަމަޖެހިފައިވެއެވެ.

ރައީސްގެ ދެ ކަނބަލުން ވަނީ ހުޅުދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު "ވިލުނު"އަށް ވެސް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

އެ ތަނަކީ ދެކުނު ސަރަހައްދަށް އަމާޒުކޮށް ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމުކޮށްފައިވާ ތަނެކެވެ. އެތަނުގައި 60 މީހުންގެ އިންހައުސް ކެޕޭސިޓީ ހިމެނޭއިރު އެތަނުންދޭ ފަރުވާ ޕްރޮގްރާމް ފަރުމާ ކުރެވިފައި ވަނީ ޑަބްލިއުއެޗްއޯގެ ކޮންސަލްޓެންސީގެ އެހީގެ ދަށުންނެވެ.

އެތަނުންދޭ ފަރުވާގެ ތެރޭގައި ޑިޓޮކްސިފިކޭޝަން ޓްރީޓްމަންޓް، ރެސިޑެންޝަލް ޓްރީޓްމަންޓް، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަދި ރީ އިންޓަގްރޭޝަން ފަރުވާ ހިމެނެއެވެ.

ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ރައީސްގެ ދެކަނބަލުން ކުރައްވައި ހަތަރު ދުވަހުގެ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް