ގަމުގައި 120 ކޮޓަރީގެ ހޮޓަލެއް އިމާރާތްކުރަނީ، އަންނަ އަހަރު ނިމޭނެ

ރޭ އައްޑޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީ ގަމުގައި ކުރިން ދޫގަސް ހިންގި އިމާރާތުގައި 120 ކޮޓަރީގެ ހޮޓަލެއް އިމާރާތްކުރުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓާ ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް އަންނަ އަހަރުގެ މެއި، ޖޫން ހިސާބަށް ނިމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެތަން ބިނާ ކުރަނީ އެ ތަނުގައި ކޮންވެންޝަންތައް ބޭއްވޭ ގޮތަށް، އަދި ބޭނުންވާ އިތުރު ވަސީލަތްތަކާ އެކުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެތަން ހުޅުވުމާއެކު ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ކަމަށެވެ.

ދޫގަހަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ ގެސްޓުހައުސެއްގެ ގޮތުގައި ހިންގި ތަނެކެވެ.

ގަން އައިލެންޑް ރިޓްރީޓްގެ ގޮތުގައި މީގެ ކުރިން ހުޅުވައި، ހިންގަމުން އައި ދޫގަސްގެ އެތެރެ -- ފޮޓޯ/ ފޭސްބުކް (އަހްމަދު ޝަފީގު މޫސާ)

އެއަށް ފަހު، 2009ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދެކުނުގެ ދަތުރުފަތުރުގެ ނިޒާމު ހަވާލުކުރި އެމްވީކޭއަށް ސަބްސިޑީގެ ގޮތުގައި 50 އަހަރަށް އެތަން ހަވާލު ކުރިއެވެ.

"ގަން ރިޓްރީޓް އައިލެންޑު"ގެ ނަމުގައި އެމްވީކޭއިން އެތަން ހިންގުމަށް ފަހު، 2014ވަނަ އަހަރުން ފެށިގެން ކުރު މުއްދަތަކަށް މެންބަރު ޢަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް އިން ވެސް އެތަން ހިންގިއެވެ.

އޭގެ އަނެއް އަހަރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެތަން ވަނީ ސަރުކާރުން އަތުލާފައެވެ. އަދި، އެތަނުގައި 120 ކޮޓަރީގެ ގެސްޓުހައުސެއް ހެދުމަށް އެމްޕީއެލްއާ 2018ވަނަ އަހަރު ހަވާލުކުރިއެވެ.

މިދިޔަ އަހަރު އައްޑޫގައި އޮތް އެމްޑީޕީގެ ކެމްޕޭނު ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ އެމްޕީއެލުން ދައްކަން ޖެހޭ ބޮޑު ލޯނެއް އޮތުމާއެކު، ދެން ދޫގަސް ތަރައްގީ ކުރާނީ ގަން އެއާޕޯޓުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް