ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން 1139 ދަރިވަރަކު ދަސްވެނިވެ، ސަނަދު ހާސިލުކޮށްފިއެވެ.
މި ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ އިއްޔެއާއި، މިއަދު، ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ.
މިފަހަރުގެ ރަސްމިއްޔާތުގައި އެންމެ ގިނަ ދަރިވަރުން ދަސްވެނިވީ ނާސިން ސްކޫލުންނެވެ. އެ ސްކޫލުން ޖުމްލަ 427 ދަރިވަރަކު ދަސްވެނިވިއެވެ. އޭގެ ތެރޭގައި ހިމެެނީ 418 އަންހެނުންނާއި ނުވަ ފިރިހެނުންނެވެ.
ދެވަނައަށް އެންމެ ގިނަ ދަރިވަރުން ދަސްވެނިވި ފެކަލްޓީ އޮފް އެޑިއުކޭޝަނުން 185 ދަރިވަރަކު ދަސްވެނިވިއެވެ. އޭގެ ތެރޭގައި 152 އަންހެނުންނާއި 33 ފިރިހެނުން ހިމެނެއެވެ.

އެމްއެންޔޫގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން 121 ދަރިވަރަކު ދަސްވެނިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 76 އަންހެނުންނާއި 45 ފިރިހެނުންނެވެ.
ބާކީ ހުރި ފެކަލްޓީތަކުން ދަސްވެނިވި ކުދިންގެ އަދަދު:
- ފެކަލްޓީ އޮފް އާޓްސް: 49
- ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ: 63
- ފެކަލްޓީ އޮފް ހެލްތު ސައިންސަސް: 73
- ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް: 41
- އެމްއެންޔޫ ބިޒްނަސް ސްކޫލް: 108
- ސެންޓާ ފޯ މެރިޓައިމް ސްޓަޑީސް: 1
- ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީސް: 68
މި ރަސްމިއްޔާތުގައި މުޅި ކޯހުން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު 12 ދަރިވަރަކަށް ވަނީ ލިބިފައެވެ.
އަދި، ޑިސްޓިންކްޝަން އެވޯޑު 77 ދަރިވަރަކު ވަނީ ހޯދާފައެވެ.

އެމްއެންޔޫގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ
ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވީ ތައުލީމީ މީހުންނަކީ އަބަދުވެސް ދިވެހިންގެ އިހްތިރާމް ލިބޭ ބައެއް ކަމަށެވެ.
ހަމައެއާއެކު، ކިޔަވައިގެން ތިބޭ މީހުންގެ ފަރާތުން ގިނަ ކަންތައްތަކެއް ފެނުމަށް މުޖުތަމައުން އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޔޫގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ތެރެއިން: ކުރީގެ ޕީޖީ އަޙްމަދު މުޢިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްއެންޔޫ
"މުޖުތަމައު އެބަ ގަބޫލުކުރޭ ކިޔަވައިގެން ތިބި މީހުން އިންސާފުވެރިވާން ޖެހޭނެ ކަމަށް. ވަކި އަތަކަށް ނުޖެހި ކަންތައްތައް ނިންމަން ޖެހޭނެކަމަށް. އަބަދުވެސް ހައްގު ތެދު ބަސް ބުނަން ޖެހޭނެކަަމަށް" މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން، އެކަންކަން ގައިގައި އަށަގެންނެވުމަށް މުޢިއްޒު ދަސްވެނިންނަށް އިލްތިމާސްކުރެއްވިއެވެ.
ގިނަ ދަރިވަރުންތަކެއް ތައުލީމު ހާސިލުކުރަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަކީ މި ވަގުތު ރާއްޖޭގައި ހުރި ސަރުކާރުގެ އެންމެ ބޮޑު މަތީ ތައުލީމުދޭ މަރުކަޒެވެ.