ވޯލްޑްކަޕް ކޮލިފިކޭޝަން: މިޞްރުން ސެނެގާލް ބަލިކޮށްފި

މިޞްރު އަދި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ކުޅުނު އެފްރިކާފެ ޕްލޭއޮފް މެޗުގައި ސެނެގާލް ބަލިކޮށް މިޞްރުން މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދު ހޯދައިފިއެވެ.

ރޭގެ މެޗުން މިޞްރު މޮޅުވެފައިވަނީ 1-0 ގެ ނަތީކާއަކުންނެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑަކީ ސެނެގާލްގެ ޑިފެންޑަރު ސަލިއޫ ސިސްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެއީ މިޞްރުގެ މުޙައްމަދު ޞަލާޙު ފޮނުވާލި ހަމަލާއެއް ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީގެ އަތުގައި ޖެހިފައި ނިކުތް ވަގުތު، ގޯލް ކުރިމަތީގައި ހުރި ސަލިއޫގެ ފައިގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަލްޖީރިއާއިން ވަނީ 1-0 އިން ކެމަރޫންގެ މައްޗަށް ކުރި ހޯދާފައެވެ. ކެމަރޫންގެ ދަނޑުގައި ކުޅުނު މި މެޗުގައި އަލްޖީރިޔާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިސްލާމް ސްލިމާނީއެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ކެމަރޫންގެ ކީޕަރުގެ އަތުގައި ޖެހިފައެވެ.

ރޭގައި ދެން ކުޅުނީ ގާނާ އާއި ނައިޖީރިޔާ ބައްދަލުކުރި މެޗެވެ، އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

މި ބައްރުން ވޯލްޑް ކަޕްގެ ޖާގަ ލިބޭނީ ފަސް ޓީމަކަށެވެ. އެއީ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ޕްލޭ އޮފްގައި ކުރި ލިބޭ ފަސް ޓީމެވެ. ކޮލިފައިންގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

comment ކޮމެންޓް