ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ދިއްދޫ ކައުންސިލްގެ ބައްދަލުވުން ނުބޭއްވޭތާ ދެ މަސް

ހއ. ދިއްދޫ މަތިން ނަގައިފައިވާ ފޮޓޯއެއް -- ފޮޓޯ/ފޭސްބުކް

ކައުންސިލު މެންބަރުންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ހއ. ދިއްދޫ ކައުންސިލުގެ ބައްދަލުވުން ނުބޭއްވޭތާ ދެ މަސްވާން ކައިރިވެފައިވާކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް ރައީސް މިހެން ވިދާޅުވީ ފޭސްބުކް މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ.

ދިއްދޫ ކައުންސިލްގައި އެމްޑީޕީއަށް ނިސްބަތްވާ ފަސް މެންބަރުން ތިބެއެވެ. ކައުންސިލް ރައީސަކީ ޕީޕީއެމް މެންބަރެކެވެ.

ޢަބްދުﷲ ވިދާޅުވި ގޮތުގައި ކައުންސިލް މެންބަރުން ވަނީ އޭނާއަށް ރިޔާސަތުގައި އިންނައިރު ވޯޓުނުލެވޭ ގޮތަށް، ދެފަހަރެެއްގެ މަތިން ހިންގާ ގަވާއިދަށް ބަދަލު ގެނެސްފައެވެ. އެހެން ނަމަވެސް، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެ ކައުންސިލަށް ވަނީ ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުވައި ކައުންސިލް ރައީސަށް ވޯޓުގައި ބައިވެރިވެވޭނެކަމަށް ބުނެފައެވެ.

"ކައުންސިލުން އެ ނިންމި ނިންމުން މާޗުމަހުގެ 17 ވަނަ ދުވަހުގެ ސާދަގަޑި ސުންމިނެޓުގެ ކުރިން ބަދަލުކުރުމަށްފަހު، ހުރިހާ މެންބަރުންނަށް ވޯޓުލެވޭ ގޮތަށް ބަދަލުކުރުމަށްފަހު އެލްޖީއޭއަށް ފޮނުވަން [އަންގައިފައި އޮތީ]،" ޢަބްދުﷲ ވިދާޅުވިއެވެ.

އެލްޖީއޭއިން އެގޮތަށް އަންގައިފައި އޮތްކަމުގައިވީ ނަމަވެސް، މިއަދާ ހަމައަށް އައި އިރު ވެސް އެ ނިންމުން ބަދަލުކޮށްފައި ނުވާކަން ޢަބްދުﷲ ފާހަގަކުރެއްވިއެވެ. އަދި ކައުންސިލް ބައްދަލުވުންތައް ނުބޭއްވި ދެމަސް ދުވަސްވެފައިވާކަމީ އޭނާ ވަރަށް ހިތާމަކުރާ ކަމެއްކަމަށް ޢަބްދުﷲ ވިދާޅުވިއެވެ.

"އެމްޑީޕީއަށް ނިސްބަތްވާ ފަސް މެންބަރުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، ދިއްދޫ ކައުންސިލްގެ ރައީސަށް ވޯޓުގައި ބައިވެރިވެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނުގައި އެ އޮތް އޮތުން ބަދަލު ނުކުރެވޭނެ،" ޢަބްދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން، ދިއްދޫގެ ތަރައްގީއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ކައުންސިލްގެ މެންބަރުންނަށް ޢަބްދުﷲ ގޮވައިލެއްވިއެވެ. އަދި ދިއްދޫގެ ތަރައްގީއަށް ސަަރުކާރުން ކުރާ އެއްވެސް މަސައްކަތަކަށް ހުރަސް ނާޅާނެކަމުގެ ޔަގީންކަން ދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް