ތިނަދޫން މީހުން ބޭލުވި މައްސަލައާ ގުޅިގެން މާލޭގައި ބާއްވަން ހަމަޖެހިފައިވާ އަޑުއެހުންތައް ފަސްކޮށްފި

ގދ. ތިނަދޫން މީހުން ބޭލުވި ހާދިސާގެ ފޮޓޯއެއް

ގދ. ތިނަދޫން މީހުން ބޭލުއްވި މައްސަލައާ ގުޅިގެން މާލޭގައި ބާއްވަން ތާވަލްކުރެވިފައިވާ އަޑުއެހުންތައް ފަސްކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުން އަންނަ އެ މައްސަލައާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ބާއްވަން ތާވަލުކުރެވިފައިވާ އަޑުއެހުން ފަސްކޮށްފައިވަނީ އެ އަޑުއެހުމަށް އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ ބަޔަކު ނެތުމުންކަމަށް އެ އޮފީހުން ބުންޏެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ބާއްވަނީ ޕަބްލިކް ހިޔަރިންއެއްގެ ގޮތުގައި އާންމުންނަށް ހުޅުވާލައިގެނެވެ.

އެ މައްސަލައާ ގުޅިގެން ތިނަދޫގައި ވަނީ އަޑުއެހުންތަކެއް ބާއްވާފައެވެ. ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ބޭއްވި އެ އަޑުއެހުންތައް ޕީއެސްއެމް ނިވްސް އިން ވަނީ ލައިވްކޮށްފައެވެ.

އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅީ ތިނަދޫ ކައުންސިލުންނެވެ. އެ ހުށަހެޅުމުގައި މައިގަނޑު ހަތަރު ކަމަކަށް އެދިފައިވެއެވެ. އޭގެ ތެރޭގައި، މާލޭގައި ހުންނަ ވެލާނާގޭގެ ނަން "ގދ. ތެނަދޫ" ވެލާނާގެއަށް ބަދަލުކުރުމަށް އެދިފައި ވެއެވެ.

މީގެ އިތުރުން އެ ކަމަށް ދިވެހި ދައުލަތުގެ ފަރާތުން، ތިނަދޫ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށާއި، ނިގުޅައިގަނެފައިވާ ހައްގުތައް ހޯދައި ދިނުމަށާއި، އެކަމުގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުން ލިބޭ 50 އިންސައްތަ ފައިދާ ތިނަދޫ ރައްޔިތުންނަށް ދާއިމަށް ލިބޭނެ ގޮތް ހެދުމަށް ވެސް އެ ހުށަހެޅުމުގައި ވެއެވެ.

ރައީސް އިބްރާހީމް ނާސިރުގެ ދުވަސްވަރު އެ ރަށުން މީހުން ބޭލީ ވަކި ސަރުކާރެއް އިއުލާނުކުރުމާއެކު، ހަވަރާއެކު އެރަށަށް ވަޑައިގަތުމަށް ފަހުއެވެ. އެ ހާދިސާގައި އަނިޔާވެރި، ލާއިންސާނީ އަމަލުތަކެއް ހިންގި ކަމަށް ގިނަ ބަޔަކު ބުނެއެވެ.

comment ކޮމެންޓް