ފްރާންސްގެ ގައުމީ ޓީމަށް ކުޅޭ ޕައުލް ޕޮގްބާ އޭނާ ގައުމީ ޓީމާއެކު 2018 ވަނަ އަހަރު ހޯދި ވޯލްޑް ކަޕްގެ ރަން މެޑަލް ވަގަށް ނަގައިފިކަމަށް ބުނެފިއެވެ.
ޕޮގްބާ ވަނީ އޭނާގެ ގެޔަށް ވަގުން ވަދެ ހިނގައިދިޔަ ހާދިސާއާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކާފައެވެ. އޭނާގެ ގެއަށް ވަގުން ވަދެފައިވަނީ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މެޗު ކުޅުނު ވަގުތުއެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭރު ގޭގައި ތިބޭނީ އޭނާގެ ދެ ކުދިންނާއި އެކުދިން ބަލަހައްޓަން އުޅޭ މީހާ ކަމަށެވެ.
ވަގުން އޭނާގެ ގެއިން ގެންދިޔަ ތަކެތީގެ ތެރޭގައި އޭނާގެ މަންމަގެ ގަހަނާތަކާއި، 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގެ ރަން މެޑަލް ހިމެނޭކަމަށް ޕޮގްބާ ބުންޏެވެ. އަދި އެ ހާދިސާގެ ސަބަބުން އޭނާގެ ކުދިންނަށް ވަރަށް ބޮޑު ޝޮކެއް ލިބުނުކަމަށާއި، ނަމަވެސް މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޕޮގްބާ ބުންޏެވެ.
ޕޮގްބާ މި ވަގުތު ހުރީ ފްރާންސްގެ ގައުމީ ޓީމާއެކު މާސޭގައެވެ. ފްރާންސްގެ ގައުމީ ޓީމު މި ވަގުތު ތައްޔާރުވަމުން އަންނަނީ އައިވަރީ ކޮސްޓާއި ސައުތު އެފްރިކާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗަށެވެ.
ޕޮގްބާ ބުނެފައިވަނީ ގައުމީ ޓީމާއެކު މެޗެއް ކުޅުމަށް ދުވަސްކޮޅެއްގެ ބްރޭކެއް ލިބުމުން އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޮގްބާ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ނުވަތަ ސްޕެއިންގެ ރެއާލް މެޑްރިޑުން ފެނުމުގެ ފުރުސަތު އެބަ އޮތްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.