ރާއްޖޭގެ ޓީމާމެދު އިތުބާރު އެބައޮތް: މޮރިއޭރޯ

މިއަދު ގަލޮޅު ރަސްމީ ދަނޑުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

ބައިނަލްއަގުވާމީ އެކުވެެރިކަމުގެ މެޗުގައި މާދަމާ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނައިރު ރާއްޖޭގެ ޓީމަށް ފުރިހަމަ އިތުބާރު އެބަ އޮތްކަމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މެޗުގެ ކުރިން މިއަދު ގަލޮޅު ރަސްމީ ދަނޑުގައި އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މޮރިއޭރާ ބުނެފައިވަނީ އެންމެ ފަހުން ބަންގްލަދޭޝް އަތުން ބަލިވި މެޗުގައި ނަތީޖާ ނޫން ކަންކަން ދިޔައީ ރަނގަޅަށް ކަމަށެވެ. އަދި މާދަމާ ރޭގެ މެޗަށް ނިކުންނާނީ އެ މެޗުން ފިލާވަޅު ނަގައިގެން ކަމަށް ވެސް މޮރިއޭރާ ބުންޏެވެ.

"އެ މެޗުގައި ބައިވަރު ނެގެޓިވް ކަންތައްތަކުގެ އަސަރު ހުރި. އަހަރެންނަށް މި ޓީމާމެދު ފުރިހަމަ އިތުބާރު އެބަ އޮތް. މި ޓީމު ވަރަށް ބޮޑަށް ކުރިއަރާނެ މަންޒަރު އެބަ ފެނޭ،" މޮރިއޭރާ ބުންޏެވެ.

އިތުރަށް މޮރިއޭރާ ބުނެފައިވަނީ ރާއްޖޭގެ ފުޓުބޯޅައިގެން ޓެކްނިކަލް ކަންކަން ހުރީ އޭނާ ހިތްހަމަ ޖެހޭ ވަރެއްގައި ކަމަށެވެ. އަދި ރަނގަޅު ޒުވާން ކުޅުންތެރިން ތިބުމަކީ ވެސް އޭނާ އަށް އޮތް ހިތްހަމަޖެހުމެެއްގެ ގޮތުގައި މޮރިއޭރާ ފާހަގަކުރިއެވެ.

އޭނާ ފަހަގަކުރި ގޮތުގައި ރާއްޖޭގެ ސްޕޯޓަރުން ގައުމީ ޓީމުގެ ދެކެ ވާ ލޯބި ފެނިފައި އޭނާ ހައިރާންވާކަމަށެވެ. އަދި އޭނާގެ އުންމީދަކީ ދިވެހި ސަޕޯޓަރުން ގައުމީ ޓީމު ދެކެ ވާ ލޯބި އިތުރުކުރެވޭވަރުގެ މަސައްކަތެއް ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

މިއަދު ގަލޮޅު ރަސްމީ ދަނޑުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

ގައުމީ ޓީމާ މޮރިއޭރާ ހަވާލުވިފަހުން ކުޅުނު އެއްވެސް މެޗަށް އަދި ޓީމު މޮޅުވެފައެއް ނުވެއެވެ. އޭނާ ހަވާލުވިފަހުން ގައުމީ ޓީމު ކުޅެފައިވަނީ މިހާތަނަށް އެންމެ ތިން މެޗެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕްގައި ކުޅުނު ތިން މެޗެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވީއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

އަންނަ ޖޫން މަހުގެ ތެރޭގައި އޭއެފްސީ އޭޝިއަން ކަަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅޭނެއެވެ. ރާއްޖޭގެ ގުރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން އުޒްބެކިސްތާން، ތައިލެންޑް އަދި ލަންކާއެެވެ.

އިތުރަށް މޮރިއޭރާ ބުނެފައިވަނީ މާދަމާ ރޭ ރާއްޖޭގެ ޓީމުން ކުޅޭނީ ތަފާތު ގޮތަކަށް ކަމަށެވެ. ފަހަރުގައި އެއީ އައު ގޮތަކަށް ވެސް ވެދާނެކަމާއި ނަމަވެސް އެއީ ބަންގްލަދޭޝްގެ ޓީމަށް ފަސޭހަ ގޮތަކަށް ނުވާނެކަމަށް މޮރިއޭރާ ބުންޏެވެ.

"މާދަމާ ރޭގައި އަހަރަމެން ކުޅޭނީ ވެސް ތަފާތު ގޮތަކަށް. އެއީ ލަންކާ މުބާރާތުގައި ކުޅުނު ގޮތަކަށް ނުވެދާނެ. އަހަރަމެންނަށް މިއީ ފަހަރެއްގައި އައު ގޮތަކަށް ވެސް ވެދާނެ. ނަމަވެސް ޔަގީންވާކަމަކީ އެއީ ބަންގްލަދޭޝްގެ ޓީމަށް ފަސޭހަ ގޮތަކަށް ނުވާނެކަން. އާ ކުޅުންތެރިން ވެސް ފެންނާނެ އަދި ތަފާތު ކަމެއް ވެސް ހުންނާނެ،" މޮރިއޭރާ ބުންޏެވެ.

އެންމެ ފަހުން އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައެވެ. އެ މެޗުން ރާއްޖެ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ އެކުވެރިކަމުގެ މެޗު އޮންނާނީ މާދަމާ ރޭ 21:00 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ.

comment ކޮމެންޓް