ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުގެ މަގާމުގައި މުޙައްމަދު މަލީހު ޖަމާލް ހުންނެވި އިރު، އެ މިނިސްޓްރީގައި އޭނާ މަސައްކަތްކުރެއްވި ކޮޓަރިކޮޅުގެ މަރާމާތަށް އަށް ލައްކައެއްހާ ރުފިޔާ ޚަރަދުވިކަން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން އާންމުކުރި، އެ މިނިސްޓްރީގެ 2019ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، މަލީހުގެ ކޮޓަރިކޮޅާއި، މިނިސްޓްރީ ހިންގާ އިމާރާތުގެ ބީ ބްލޮކް މަރާމާތުކުރުމަށް ޖުމްލަ 795،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މި މަސައްކަތް ކުރުމުގައި މާލިއްޔަތު ގަވައިދާ ޙިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން، މަސައްކަތް ލަސްވުމުން، އެކަމުގެ އަގަށްވާ 119،250 ރުފިޔާ މަސައްކަތުގެ އަގުން އުނިކޮށްފައި ނުވާކަމަށާއި، އޭގެ ބަދަލުގައި އުނިކޮށްފައިވަނީ 9،834 ރުފިޔާކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެގްރިމަންޓުގައި ހިމެނޭ މަސައްކަތާ ގުޅުން ނެތް އިތުރު މަސައްކަތެއް ވެސް ވަނީ ހަމަ އެ މަސައްކަތްކުރި ފަރާތާ ހަވާލުކޮށްފައެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޮޓަރިކޮޅުގެ މަސައްކަތުގެ މުއްދަތު ހަމަވި ފަހުން އާންމުކޮށް އިޢުލާނުކުރުމަކާ ނުލައެވެ. މިގޮތަށް އިތުރަށް ކުރުވި މަސައްކަތްތަކަށް 103،880 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މީގެ އިތުރުން މިނިސްޓްރީގައި އިދާރީ މުވައްޒަފުން ތިބި މަގާމުތަކުގެ މަސައްކަތްތަކަށް ކޮންސަލްޓަންޓުން ނަގައިފައިވާކަން ވެސް އެ ރިޕޯޓުން ވަނީ ހާމަވެފައެވެ.
މިކަންކަމަށް ރިއާޔަތްކޮށް އެ ރިޕޯޓުގައި ވަނީ އެއްބަސްވުމަށް ބަދަލެެއް ގެންނަން ޖެހިއްޖެނަމަ، އޮފީހުގެ އެންމެ އިސް ފަރާތުގެ ހުއްދަ ލިޔުމުން ހޯދުމަށް ލަފާދީފައެވެ. އަދި، މަސައްކަތް ލަސްވުމުގެ އަގު، މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ނަގަމުން ދިޔުމަށާއި، އެ ގަވާއިދުގައިވާ ގޮތަށް، މަސައްކަތްތައް އާންމުކޮށް އިޢުލާނުކުރުމަށް ވެސް ވަނީ ލަފާދީފައެވެ.
މީގެ އިތުރުން، އޮފީހުގައި އާންމުކޮށް ކުރާ މަސައްކަތްތަކަށް ކޮންސަލްޓަންޓުން ނެގުމުގެ ބަދަލުގައި ދާއިމީ ހައްލެއް ހޯދުމަށާއި، ކޮންޓްރެކްޓަށް މުވައްޒަފުން ހޯދުމުގައި ސިވިލް ސާވިސްގެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ.
މި ސަރުކާރު ފެށުނީއްސުރެ، މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މަލީހު އެ މަގާމުން ވަކި ކުރީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން، މިދިޔަ އަހަރުގެ މާޗު މަހެވެ. އޭގެ ދެމަސް ފަހުން އެ މިނިސްޓްރީ އުވާލައި، މަސްއޫލިއްޔަތުތައް ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.