ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ވުޖޫދުނުވަނީސް ވެސް އިލެކްޝަންސް ކޮމިޝަނުން ތަފާތުކުރި ކަމަށާއި، އެ ކޮމިޝަނުން ޕީއެންއެފާއި އެ ޕާޓީގެ މެންބަރުންގެ ކިބައިން މައާފަށް އެދެންޖެހޭކަމަށް، ޕީއެންއެފް އަމީންއާންމު މުޙައްމަދު މަލީޙް ޖަމާލް މިރޭ ވިދާޅުވެއްޖެއެވެ.
'އެސްއެސްޓީވީ'ން ގެނެސްދޭ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަލީޙް ވިދާޅުވީ، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭ އެންމެ ޒިންމާދާރުކޮށް، ހަރަކާތްތެރިކޮށް މަސައްކަތްކުރީ ޕީއެންއެފުން ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ ތިން އަހަރު ސިޔާސީ ޕާޓީއަކުން ނުކުރާ ފަދަ ބޮޑެތި މަސައްކަތްތައް ޕީއެންއެފުން ކުރި ކަމަށް، މަލީޙް ވިދާޅުވިއެވެ.
ޕީއެންއެފުން ހުރިހާ ހަރަކާތެއް ކުރިއަށް ގެންދަނީ ރީތި، ޑިމޮކްރެޓިކް ހަމަތަކުގެ މަތިންކަމަށް ވެސް މަލީޙް ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، މި ޕާޓީ ވުޖޫދަށް ނާންނަނީސް ވެސް އަޅުގަނޑުމެންނާ ތަފާތުކުރުން ގެންގުޅުއްވާކަން ވަރަށް ހިތާމައާއެކު ފާހަގަކުރަން،" އޭނާ ވިދާޅުވިއެވެ.
މަލީޙް ވަނީ، ޕީއެންއެފް އުފައްދަން ކުރި މަސައްކަތާ ގުޅިގެން، އެ ޕާޓީ އުފެދުނަ ނުދިނުމަށް ޓަކައި އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން މަދު މެންބަރުންތަކެއް ހުރަސް އެޅުއްވި ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެގޮތުން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އިލެކްޝަންސް ކޮމިޝަނުގެ ހުއްދައާ އެކީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ކުރިއަށް ދިޔައިރު، އެކަން ވެސް ކުރަން ޖާގަ ނުލިބި، އެންމެ ފަހުން ރާޅުގަނޑު ސަރަހައްދުގައި އެ ޕާޓީ އުފައްދަން ޖެހުނީ އިލެކްޝަންސް ކޮމިޝަނުން އަޑީގައި ތިބެ ފުލުހުންނާ ގުޅިގެން ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް، އޭނާ ތުހުމަތުކުރެއްވިއެވެ.
އަދި ޕީޕީއެމް އުވައިލައި، އެ ޕާޓީގައި ތިބި މެންބަރުން ޕީއެންސީއަށް ވެއްދި މައްސަލަ ވެސް އިލެކްޝަންސް ކޮމިޝަނުން ބަލާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ޕީއެންއެފަށް ތާއީދުކުރާ ފަރާތްތަކުގެ ސިލްސިލާ އެއްވުންތައް ގާނޫނާ ޚިލާފުވާ ކަމަށް ބުނެ، އެކަން ތަކުރާރުކުރާނަމަ ޕީއެންއެފަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ވަނީ، މިދިޔަ ހޯމަ ދުވަހު ދީފައެވެ.
އެ ބަޔާނުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ހަރަކާތްތަކުން ގާނޫނާ ޚިލާފު އަމަލުތައް ތަކުރާރު ކުރަމުންދާ ކަމަށް އެ ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، އެކަން އެ ޕާޓީއަށް އަންގައިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެހެންމެ އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެ ކޮމިޝަނަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް ކޮމިޝަނަށް ހާޒިރުވުމަށް ޕީއެންއެފްއިން އުޒުރުވެފައިވާ ކަމަށް، ބަޔާނުގައިވެއެވެ.
އެ ބަޔާނަށް އިޝާރާތްކުރައްވައި މަލީޙް ވިދާޅުވީ، ޕީއެންއެފުން ގާނޫނާ ޚިލާފުވީ ކޮން މާއްދާއަކާކަން އިލެކްޝަންސް ކޮމިޝަނަށް ބުނެދެވިފައިނުވާ ކަމަށާއި، ބަޔާނުގައި ބުނާ ވާހަކަތައް ދިމާނުވާ ކަމަށެވެ.
"އެ ނެރުނު ބަޔާނަކީ، އަޅުގަނޑު ސިފަކުރަނީ ސީދާ މިއަދުގެ ސަރުކާރުން ވިދާޅުވެގެން މި ހަރަކާތް ހުއްޓުވުމަށްޓަކައި، ޕީއެންއެފްގެ އަގު ވައްޓައިލުމަށްޓަކައި އެ ބޭފުޅުން ނެރުއްވި ބަޔާނެކޭ، އަޅުގަނޑު ހަމަ ގޮވައިލަން، އެ ބަޔާން އަނބުރާ ގެންދަވާށޭ، އަދި ޕީއެންއެފްގެ ލީޑަޝިޕާއި ޕީއެންއެފްގެ އާންމު މެންބަރުންގެ ކިބައިން އެ ބޭފުޅުން މައާފަށްވެސް އެދިވަޑައިގަންނަވަންޖެހޭ ހަގީގަތުގައި،" އޭނާ ވިދާޅުވިއެވެ.