ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ އީޖާބީ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ "ފާސްޓް ޕޮލިސީ ރައުންޑް ޓޭބަލް އޮން މެރިން ލިޓާ ޕްރިވެންޝަން" އިފްތިތާޙް ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމުގައި ރާއްޖެއަށް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަމާއި އަދި މިކަން ހައްލުކުރުމަށް ޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
އެހެނަސް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއެކު ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުން ފަސްނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކަނޑުފަޅުގެ ސިއްޙަތާ ޤުދުރަތީ ދިރުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ކަނޑުފަޅުތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ އިޤްތިސާދީ ސިޔާސަތުތައް ބަދަލުކޮށް ނޫ އިޤްތިސާދެއްގެ ސިފަތައް އަށަގެންނެވުމަށް ޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާފައެވެ.
އެގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލައި ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމާއި ކުންޏާބެހޭ ޤަވައިދުތައް އިސްލާޙުކޮށް ކުނި އުފައްދާ ފަރާތުގެ މައްޗަށް އޮންނަ ޒިންމާ ބޮޑުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުންޏަކީ އޭގެން މަންފާ ލިބެނިވި އެއްޗަކަށް ހެދުމަށް ޓަކައި ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ކުނި ބެލެހެއްޓުން ލާމަރުކަޒީ ކުރެވި މުޅި ރާއްޖެއަށް އެކަން ފުޅާކުރެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، މިފަދަ އީޖާބީ މަސައްކަތްތަކުން އުންމީދީ މަންޒަރުތަކެއް މިހާރު ފެންނަން ފަށާފައިވާ ކަމަށާއި އަދި މިއީ މުޖުތަމައެއްގެ ގޮތުގައި ކުރިއަށްދެވޭ މިސްރާބު ރަނގަޅުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާ އެމަނިކުފާނު ވަނީ މިއަދުގެ ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން މިފަދަ އިތުރު މަސައްކަތްތައް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
"ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝްވަދީޕް ސީ" ޕްރޮމިސް މަޝްރޫއަކީ ސްވިޗް އޭޝިއާ ޕްރޮގްރާމްގެ ދަށުން ލަކްޝްވަދީޕް ސަރަޙައްދުގައި ހިމެނޭ އިންޑިއާ، ސްރީލަންކާ އަދި ރާއްޖޭގެ ގޮނޑުދޮށްތަކަށް ލައްގާ ކުނީގެ މިންވަރު މަދުކުރުމަށް ކަނޑުތަކަށް އެޅޭ ކުނި އުފެދޭ ތަންތަނަށް އަމާޒުކޮށް ކުރެވޭ މަސައްކަތެކެވެ.
އެގޮތުން މިއަދު ބޭއްވި ޕޮލިސީ ރައުންޑް ޓޭބަލް ބައްދަލުވުންތަކުގެ ތެރެއިން ކުންޏާބެހޭ ސިޔާސަތުތައް އެކަށައެޅުމަށް މުހިއްމު ހުށައެޅުންތަކެއް ހުށައެޅިއެވެ.
ޕްރޮމިސް މަޝްރޫއަކީ ސްވިޗް އޭޝިއާ ޕްރޮގްރާމުގެ ދަށުން ހަތަރު އަހަރުގެ މުއްދަތަކަށް ވިލާތުގެ އިއްތިހާދުން ފަންޑުކޮށްގެން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއެވެ.