ބައި އިލެކްޝަނަށް ތިން ދުވަސް: ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަނީ

ކުރެންދޫ--

ޅ. ކުރެންދޫ ކައުންސިލްގެ ހުސްވެފައިވާ ރައީސްގެ މަގާމަށް މީހަކު ހޮވުމަށް ބައްވާ ބައި އިލެކްޝަނަށް ތިން ދުވަހަށް ވެފައިވާއިރު، އެރަށުގައި 50 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި ބީލަމުގައި ބައިވެރިވުމަށް، އޭޕްރީލް 14 ގެ ކުރިން، 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

ފައިސާ ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00އަށެވެ. ރަމަޟާން މަހުގައި 9:30 އިން 13.00 އަށެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ދެލައްކަ ފަންސާސް ފަސްހާސް ރުފިޔާ ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޑޮލަރުން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީގެ ޢިއުލާނުގައިވެއެވެ.

ހުސްވެފައިވާ، ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުން އޮތީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

އިންތިހާބާ ދިމާކޮށް، އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް، އެރަށުގައި މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ކުރެންދޫއާ ދިމާ ބޭރުން ކަނޑުން 1000 ގޯތި ދެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރެންދޫއަކީ ފަޅެއް ނެތް ރަށެއް ކަމުން އިތުރަށް ހިއްކޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. ނަމަވެސް، މިހާރު ބިން ނުހިއްކާ ވެސް އުޅެވޭނެ ޓެކްނޮލޮޖީ އެބަ ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޕްރޮޖެކްޓަކީ އަދި ފަށަން ނިންމާފައިވާ މަޝްރޫއެއް ނޫން ކަމަށާއި، ނަމަވެސް އެ އުންމީދު އެބައޮތް ކަމަށެވެ.

މީގެ އިތުރުން، އިދިކޮޅު ޕީޕީއެމް އިން މިދިޔަ ހަފްތާގައި ކުރެންދޫގައި ބޭއްވި 'އިންޑިއާ އައުޓް' ކެމްޕޭން ޖަލްސާގައި ނަޝީދަށް ރައްދު ދެއްވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ، ރައްޔިތުން އެފަދަ ވާހަަކަތަކުގައި ނުޖެހުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާ ކަމަށެވެ.

"[ސަރުކާރަށް] ދަންނަވާލަން އޮތީ ލިބިފައި ހުރި ވަސީލަތަކުން ތަރައްގީ ކުރައްވާށޭ. އަދި ނުޖެހޭ މާދުރަށް ދާކަށް. އެކަމަކު ތަރައްގީ ކުރުމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ނުވަތަ އެއްވެސް ކަހަލަ ސާބިތު ހިފޭ ކަހަލަ ކަމެއް ފެންނަން ނެތް އިރުގައި، އަޅުގަނޑު ދަންނަވާލަން އޮތީ ރައްޔިތުން ވެސް އެ ވާހަކަތަކުގައި ޖެހިވަޑައި ނުގަންނަވާށޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުރެންދޫ ކައުންސިލް ރައީސް ހޮވުމުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ޢަލީ ނަސީމެވެ. އަދި، ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ އިސްމާޢީލް މަދީހުއެވެ.

އެ ރަށުގެ ކައުންސިލުގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ސިމާއު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވުމާއެކު ބޭއްވި ބައި އިލެކްޝަންގައި ވެސް އެރަށަށް ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން ސަރުކާރުން ބާރު ސްޕީޑެއްގައި މަސައްކަތް ފެށިއެވެ. ނަމަވެސް މެމްބަރު ހޮވި، މަސް ދުވަސް ފާއިތުވެ ދިޔަ އިރު، އެ މަޝްރޫއުތައް ހިންގުމަމުންދާ ދުވެލި މަޑެވެ.

comment ކޮމެންޓް