"އެއްގެއިން އަނެއްގެއަށް" ކެމްޕެއިން އިފްތިތާހުކޮށްފި

"އެއްގެއިން އަނެއްގެއަށް"ކެމްޕެއިނުގައި ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ މީހުންނަށް އެތަކެތި ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޑީސީގެ ފަރާތުން ހުޅުމާލެގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން މިއަދު އިފްތިތާހުކޮށްފިއެވެ.

އެ ކެމްޕެއިނަކީ 'ވޯލްޑް ރިސައިކްލިން ޑޭ' އާ ގުޅުވައިގެން އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަފަހަރު އެ ތަކެތި ބޭނުންކުރުމަށް ތައާރަފްކުރާ ކެމްޕެއިނެކެވެ.

ރޯދަމަހާ ގުޅިގެން ގޭތެރެ ޒީނަތްތެރި ކުރުމަށް ގޭގައި ބޭނުންކުރާ ފަރުނީޗަރުފަދަ ތަކެތި ބަދަލުކުރުމަކީ ޒަމާނުއްސުރެ ދިވެހީންގެ އާދަކާދައިގެ ތެރޭގައިވާ ކަމެކެވެ. އެހެންކަމުން، އެ ކެމްޕެއިން މެދުވެރިކޮށް، ބޭނުންކުރެވޭ ހާލަތުގައި ހުރި މިފަދަ ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުސަތު ފަހިވާނެއެވެ.

އެގޮތުން، ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ މީހުންނަށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ 02:00އިން ފެށިގެން ހޮނިހިރު ދުވަހުގެ 02:00ގެ ނިޔަލަށް ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަހައްދުގައި ގޭގެއިން ގެނެވޭ ތަކެތި ބެހެއްޓުމާއި، އެތަކެތި ބަލާ އަންނަ މީހުންނަށް ހަވާލުކުރުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

އެ ކެމްޕެއިނުގެ ދަށުން ބަލައިގަނެވޭނީ އިލެކްޓްރޯނިކް ސާމާނު، ފަރުނީޗަރު އަދި ބަދިގޭގެއާއި ގޭތެރޭގައި ބޭނުންކުރެވޭ ތަކެއްޗެވެ. އަދި އެ ސަރަހައްދަށް މި ތަކެތި ގެނައުމާއި އަނބުރާ ގެންދިއުމުގެ އިންތިޒާމް އެ މީހަކު ހަމަޖައްސަންވާނެކަމަށް އެޗްޑީސީން ބުންޏެވެ.

މީގެއިތުރުން، ކާބޯތަކެތި ނުވަތަ ކުނިވާ ބާވަތުގެ ތަކެތި ގެނައުމާއި އެ ތަކެތި ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް އެ އިވެންޓް ތެރެއިން ހިންގުމަކީ މަނާކަމެކެވެ.

މިއީ، އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި ދެވަނަފަހަރަށް ބޭނުންކުރުމުގެ އާދަ ދިވެހީންގެ މެދުގައި އާލާކުރުމުގެ ގޮތުން އެޗްޑީސީން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

comment ކޮމެންޓް