ގަވާއިދާ ޚިލާފުވުމުން 10،000 ރުފިޔާއިން އެފްޑީއެސް ޖޫރިމަނާ ކޮށްފި

މުބާރާތުގައި އެފްޑީއެސް ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ / ފީއަލީ ކައުންސިލް

ފ. އަތޮޅުގައި މިހާރު ކުރިއަށްދާ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ފ. ފީއަލީން ބައިވެރިވި، ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން މުބާރާތުގެ ގަވައިދާ ޚިލާފުވެފައިވާތީ އެ ޓީމު ޖޫރިމަނާ ކޮށްފިއެވެ.

އެކަން އަންގާފައިވަނީ މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނައިބު ރައީސް އަލީ އަޝްރަފް ސޮއި ކުރައްވައި އެ ޓީމަށް ފޮނުވާފައިވާ ސިޓީއެއްގައެވެ.

އެ ސިޓީގައި ބުނެފައިވަނީ މުބާރާތުގެ ގަވާއިދާ ޚިލާފުވެފައިވާތީ އެ ޓީމު 10،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޓީމުގެ ކޯޗަށް ނަޞޭހަތްތެރިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެ ޓީމު ޖޫރިމަނާކޮށްފައި މިވަނީ މުބާރާތުގައި ބިލެއްދުއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުން ގޯސަކަމަށް ބުނެ ދަނޑުން ފޭބުމުން، ތަކުރާރުކޮށް ރެފްރީ ދަނޑަށް އެރުމަށް އެންގުމުން ވެސް ދަނޑަށް އަރާފައި ނުވާތީއެވެ. ރެފްރީގެ އެންގުމަށް އެ ޓީމު ދަނޑަށް ނޭރުމުން ރެފްރީ ވަނީ އެ ދުވަހުގެ މެޗު ނިންމާލާފައެވެ. އަދި އެ މެޗުން މޮޅުވީ ބިލެއްދޫއެވެ.

މުބާރާތުގެ ޤަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން މުބާރާތުގެ ގުރުއަތުލުމަށްފަހު، މުބާރާތް ފެށުމުގެ ކުރިން، ޓީމެއް މުބާރާތުން ވަކިވާނަމަ އަދި މުބާރާތް ފެށުމަށްފަހު މެޗު ކުޅޭ ގަޑިއަކަށް ޓީމު ހާޒިރުނުވެއްޖެނަމަ، ނުވަތަ ހާޒިރުވެ، އެމެޗެއް ނުކުޅެފިނަމަ ނުވަތަ އެ މެޗެއް ފުރިހަމަ ނުކޮށް ކޯޓުން ފައިބައިފިނަމަ، 10،000 ރިފުޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.

މުބާރާތުގައި އެފްޑީއެސްއިން ވަނީ ޖުމުލަ ހަތަރު މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ ދަރަނބޫދޫ ޕާޕަލް ޕަވާ (ޑީޕީޕީ)އާ ދެކޮޅަށް ކުޅުނު މެޗާއި، ނިލަންދޫ ސުޕަ ޖަނެރޭޝަން ކުލަބް (އެސްޖީސީ)އާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މަގޫދޫ ޒުވާނުންގެ ކުލަބް (އެމްޒެޑްސީ)އާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އަދި ބިލެއްދޫ ރައިސިން ސްޓާ ސްޕޯޓްސް (ބީއާރުއެސް)އާ ދެކޮޅަށް ކުޅުނު މެޗު ފުރިހަމަ ނުކޮށް އެޓީމުން ވަނީ ފައިބާފައެވެ. އެ މެޗުން މޮޅުވީ ބިލެއްދޫއެވެ.

މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ބިލެއްދޫ އާއި މަގޫދޫއެވެ. އެ މެޗު އޮންނާނީ ބުދަ ދުވަހުގެ ހަވީރު 16:15 ގައެވެ.

comment ކޮމެންޓް