އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ސައުތަމްޕްޓަން ބަލިކޮށް މެންޗެސްޓާ ސިޓީން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެެ.
ސައުތަމްޕްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގީ ރަހީމް ސްޓާލިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ގެބްރިއަލް ޖީސުސް ދިން ބޯޅައަކުން އޭރިޔާ ތެރޭގައި ހުރެ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
ސިޓީއިން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުން ދިޔައިރު، ސައުތަމްޕްޓަން އިން ދިޔައީ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ސައުތަމްޕްޓަން އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެމެރިކް ލަޕޯޓޭގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑަކުންނެވެ.
ދެވަނަ ހާފު ފަށައިގެން މެޗުގެ 62 ވަނަ މިނެޓުގައި ސިޓީން ލީޑު ނަގާފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައެވެ. އެ ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޑިބްރައިނާއެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ސިޓީއަށް އިތުރަށް ލީޑު ފުޅާކޮށްދީފައިވަނީ ފިލް ފޯޑެންއެވެ. އޭގެ ތިން މިނެޓު ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ޖަަހައިދިނީ އިލްކާއި ގުންޑޮގަން ދިން ބޯޅައަކުން ރިޔާދް މަހްރޭޒްއެވެ.
މިރޭގެ މެޗުން މޮޅުވެ ސިޓީން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
ކުއާޓާ ފައިނަލްގައި މިރޭ ކުޅުނު އަނެއް މެޗަށް ބަލާއިރު، ކްރިސްޓަލް ޕެލޭސް އިން ވަނީ އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދާފައެވެ.
މެޗުން ކްރިސްޓަލް ޕެލޭސް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ޓީމުގެ ލަަނޑުތައް ކާމިޔާބުކޮށްދީފައިވަނީ މާކް ގުއެހި، ޖޭ މަޓެޓާ، ވިލްފްރައިޑް ޒަހާ އަދި ވިލް ހިއުސްއެވެ.
އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުގައި ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށް ލިވަޕޫލް ނިކުންނާނީ ރަށުން ބޭރުގައެވެ.