މެންބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދެނީ

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް ރެޖިސްޓްރީ ކުރެވޭނީ 3،000 މެންބަރުން ހަމަކޮށްގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު މިއަދު "ސަން"އަށް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އެ އުސޫލަށް އަމަލު ކުރުން މަޑުޖައްސައިލީ ކޮވިޑާ ގުޅުވައިގެން އިޢުލާން ކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ކަމަށެވެ.

"މިދިޔަ ދެ އަހަރު ދިޔައީ ކޮވިޑާ ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި. މިހާރު އެ ހާލަތު ނިމުމުން އަޅުގަނޑުމެން ނިންމީ މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް ނޯޓިސް ދިނުމަށް،" ހަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން 3،000 މެންބަރުން ހަމަނުވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާޓީގައެވެ.

އެހެންކަމުން ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެ ޕާޓީތަކަށް މެންބަރުން ހަމަކުރާން ތިން މަސް ދުވަހުގެ ނޯޓިސް ދޭން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.

ހަބީބު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި 3،000 މެންބަރުން ހަމަ ނުކުރެވިއްޖެ ނަމަ އެ ޕާޓީތައް އުވައިލުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން މެންބަރުން އެންމެ ގިނައީ އެމްޑީޕީގައެވެ.

މި ހިނގާ މެއި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެމްޑީޕީގައި 54،782 މެންބަރުން ތިބިއިރު ޕީޕީއެމްގައި ތިބީ 34،368 މެންބަރުންނެވެ. ޖުމްހޫރީ ޕާޓީގައި 20،139 މެންބަރުން ތިބިއިރު ކޯލިޝަންގައި ހިމެނޭ އެންމެ ކުޑަ ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީގައި ތިބީ 10،589 މެންބަރުންނެވެ.

comment ކޮމެންޓް