ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި އެމްއެންޔޫ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) ފަސޭހަކަމާއެކު ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް ބަލިކޮށްފިއެވެ.
ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލްގައި ކުޅުނު އަންހެން ޑިވިޝަންގެ އެ މެޗު އެމްއެންޔޫބީއެސް ކާމިޔާބުކުރީ ސީދާ ދެ ސެޓުން އެފްއެޗްޓީއެސް ބަލިކޮށްގެންނެވެ.
މިރޭގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ އެމްއެންޔޫބީއެސްއިންނެވެ. އެ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-08 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދެވަނަ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-17އިންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެންޔޫބީއެސްގެ ޖާޒީ ނަންބަރު 13، އިލްޒާ އިބްރާހިމްއެވެ.
އެންމެ ފަހުން އެމްއެންޔޫބީއެސް ކުޅު މެޗުގައި އެ ޓީމުން ވަނީ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް ދެ ސެޓުން ބަލިކޮށްފައެވެ. ނަމަވެސް އެފްއެޗްޓީއެސް އެންމެ ފަހުން ކުޅުނު މެޗުގައި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަތުން އެ ޓީމު ވަނީ ދެ ސެޓުން ބަލިވެފައެވެ.
އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރު މި ބޭއްވޭ އަށްވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިއަހަރު އެމްއެންޔޫއެސްޔޫ އިންޓފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.