އެފްއީ ބަލިކޮށް އެފްއެޗްއެސް އުންމީދު އައުކޮށްފި

އެފްއެޗްއެސްގެ ޓީމު-- ފޮޓޯ/ އެމްއެންޔޫއެސްޔޫ މީޑިއާ

އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) އިން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ)ގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ފުރަތަމަ މޮޅު އެ ޓީމުން ހޯދައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލުގައި އެފްއެޗްއެސް އާއި އެފްއީ ބައްދަލުކުރި މެޗު ނިމުނީ ސީދާ ދެ ސެޓުން އެފްއެޗްއެސް މޮޅުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު އެފްއެޗްއެސްއިން ކާމިޔާބުކުރީ 25-11އިންނެވެ. އަދި ދެވަނަ ސެޓު ގެންދިޔައީ 25-16 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްއެޗްއެސްގެ ޖާޒީ ނަންބަރު 11، ޒިޔާދާ މުޙައްމަދުވެ.

އެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުން މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ސްކޫލު އޮފް ނާސިން އަތުން ބަލިވީ ސީދާ ދެ ސެޓުންނެވެ.

އެހެންނަމަވެސް އެފްއީގެ ފުރަތަމަ މެޗު އެ ޓީމު ވަނީ ކާމިޔާބުކޮށްފައެވެ. އެ މެޗުގައި އެފްއީ ނިކުތީ ސްކޫލް އޮފް މެޑިސިންއާ ދެކޮޅަށެވެ. އެ މެޗު އެ ޓީމު ކާމިޔާބުކުރީ ދެ ސެޓުންނެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.

comment ކޮމެންޓް