އަޒްހާންގެ "ދަރަކަ"އިގެ ޓްރެއިލާ މީޑިއާނެޓުން ދައްކައިފި

އަޒްހާންގެ "ދަރަކަ"އިގެ ޕޯސްޓަރު --

މީޑިއާނެޓްގެ ވީޑިއޯ ކްލަބުން ދައްކަން ހަމަޖެހިފައިވާ ޑްރާމާ ސިލްސިލާ "ދަރަކަ"އިގެ ޓްރެއިލާ މީޑިއާނެޓުން ދައްކައިފިއެވެ.

ކަޒްމިކް އިންޓަނޭޝަނަލް އަދި އައި ފިލްމްސްގެ ފްރޮޑަކްޝަނެއް ކަމަށްވާ ދަރަކަ ލިޔެ އަދި ޑައިރެކްޓް ކޮށްފައިވަނީ އަޒްހާން އިބްރާހީމެވެ.

އެ ޑްރާމާ ސިލްސިލާގައި ރާއްޖޭގެ ކުށްކުރާ ރޭޓާއި، ސިޔާސީ ބައެއް ފަރާތްތަކާ ކުށުގެ މައްސަލަތަކާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލާނެއެވެ.

އެ ޑްރާމާ ސިލްސިލާގައި ދައްކުވައިދެނީ، ގެއްލިގެން ހޯދަމުން އަންނަ އަންހެން ކުއްޖެއް ކަމަށްވާ ނިޝާ ހޯދުމަށް، ނަވާލް ކިޔާ އިންވެސްޓިގޭޓިވް އޮފިސަރަކު ކުރާ މަސައްކަތެވެ. އެ ޑްރާމާގައި ނިޝާއަކީ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ނާޒިމާގެ ދަރިފުޅެވެ.

އެ ފިލްމުގެ ލީޑް އެކްޓަރުންގެ ގޮތުގައި ފެންނާނީ މަޝްހޫރު ފިލްމީތަރި ވާޝިޔާ މުޙައްމަދު އަދި ސޫސަން އިބްރާހީމްފުޅުގެ އިތުރުން އަޙްމަދު އިފްނާޒް ފިރޭގެވެ.

އެ ފިލްމުން ދެން ފެނިގެންދާނީ އައިޝާ ޢަލީ، އިބްރާހީމް ޖިހާދު (ޖިމީ)، ނަތާޝާ ޖަލީލް، ޢަލީ އުސާމް، މުޙައްމަދު އަފްރާހް، އިސްމާޢީލް ވަހީދު، ފާތިމަތު ވިސާމާ އަދި އަދުހަމް ލަޔާލް ޤާސިމެވެ.

އަށް އެޕިސޯޑް ހިމެނޭ އެ ޑްރާމާ ސިލްސިލާގެ ކޮންމެ އެޕިސޯޑަކީ 30 މިނެޓާއި 35 މިނެޓުގެ ދިގުމިނުގެ އެޕިސޯޑުތަކެވެ.

މީޑިއާނެޓްގެ ވީޑިއޯ ކްލަބުން އެ ޑްރާމާ ދައްކަން ފަށާނީ އަންނަ އޭޕްރިލް މަހުގެ އަށެއްގައެވެ.

މީޑިއާނެޓް ބޭނުންކުރާ ފަރާތްތަކަށް ޓީވީ ސެޓަޕްތަކާއި ކުދި ސްކްރީން ޑިވައިސްތަކުގައި ވެސް ވީޑިއޯ ކްލަބް ބޭނުން ކުރެވޭނެއެވެ.

comment ކޮމެންޓް