ވެމްކޯގެ ކުރީގެ އެމްޑީ އާދަމް މުޙައްމަދު ޕޯސްޓް ލިމިޓެޑްގެ އެމްޑީގެ މަގާމަށް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި އާދަމް މުޙައްމަދު --- ސަން ފޮޓޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް މުޙައްމަދު އެ މަގާމުން ވަކިކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އާދަމް މުޙައްމަދު ވިދާޅުވީ ވެމްކޯއާ ޚިލާފަށް ޕޯސްޓް ލިމިޓެޑަކީ ބޮޑު ކުންފުންޏެއްކަމަށެވެ. އެހެންކަމުން މަސައްކަތް ކުރައްވާނީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވެވޭތޯކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ތަސައްވަރަކީ މިހާރު ކުންފުނި މިއޮތީ ދުނިޔޭގެ ލިސްޓުގެ ނުވަދިހައިގަ. ލިސްޓުގެ ކުރިއަށް އެރުވުން މަގުސަދަކީ. އަޅުގަނޑު މަސައްކަތް ކުރާނީ ކުންފުނީގެ ނަފާ އިތުރުކުރެވޭތޯ" އާދަމް މުޙަންމަދު ވިދާޅުވިއެވެ.

އާދަމް މުޙައްމަދަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

އެ ބަދަލާއެކު ވެމްކޯގެ ހުސްވެފައިވާ އެމްޑީގެ މަޤާމަށް މީހަކު އައްޔަނުކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އެންވްޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ސްޓެލްކޯގެ ކުރީގެ އެމްޑީ ޙަސަން މުޣުނީ ވަނީ އައްޔަންކޮށްފައެވެ. އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފެވެ.

comment ކޮމެންޓް