ބެއިޖިން (14 މާޗް 2022): ޔުކްރޭންގައި އެމެރިކާ ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަޔޮލޮޖިކަލް ދިރާސާތަކުގެ ޙަޤީޤަތް ފޮރުވަން މަސައްކަތް ނުކުރުމަށާއި އެކަން ހާމަކޮށް ތަހުގީގަށް އެއްބާރުލުން ދިނުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފިއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޒައޮ ލިއާން ވިދާޅުވި ގޮތުގައި އެމެރިކާއިން ފުޅާދާއިރާއެއްގައި ޔުކްރޭންގައި ބަޔޮލޮޖިކަލް ހަތިޔާރުގެ ދިރާސާތަކެއް ހިންގިކަމަށް ރަޝިއާއިން ކުރާ ތުހުމަތުތަކަށް އެމެރިކާ ޖަވާބުދާރީވާން ޖެހޭނެއެވެ. އަދި އެކަމުގެ ޙަޤީޤަތް ހާމަކޮށް އެކަން ބެލުމަށް ހިންގާ ތަހުގީގުތަކަށްވެސް އެމެރިކާ އެއްބާރުލުން ދޭންޖެހޭނެއެވެ.
ރަޝިއާއިން ވަނީ ޔުކްރޭންގައި އެމެރިކާއިން ބަޔޮލޮޖިކަލް ހަތިޔާރުގެ ދިރާސާތަކެއް، ޔުކްރޭން ސަރުކާރުގެ އެއްބާރުލުމާއެކު ކުރިއަށްގެންދިޔަ އެތައް ލެބޯޓްރީއެއް ފެނިފައިވާ ކަމަށާއި އެތަނުން އެކަމާބެހޭ ގިނަ އަދަދެއްގެ ލިޔެކިޔުންތައްވެސް ފެނިފައިވާ ކަމަށް ބުނެ އެމައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ.
ސަލާމަތީ މަޖިލީހުގައި މިކަމަށް ޚާއްޞަކޮށްގެން ބޭއްވި ޖަލްސާގައި އެމެރިކާވަނީ ރަޝިއާގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި މިމައްސަލަ ބައިނަލްއަޤްވާމީ ގޮތުން ތަހުގީގުކުރުމަށްވެސް އެމެރިކާ ދެކޮޅު ހަދާފައިވާއިރު މިތަހުގީގަށް ބޭނުންވާ އެއްބާރުލުން ދިނުމަށްވެސް އެމެރިކާ ވަނީ ފަސްޖެހިފައެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވީ ޔުކްރޭންގައި އެމެރިކާ ހިންގިކަމަށް ބެލެވޭ ބަޔޮލޮޖިކަލް ހަތިޔާރުގެ ރީސާޗްތަކުގެ މައްސަލާގައި ބައިނަލްއަޤްވާމީ މުޖްތަމައުގެ ކަންބޮޑުވުން ނިހާޔަތަށް އޮތްކަމުގައެވެ. އެހެންކަމުން މިމައްސަލާގައި މުސްތަގިއްލު ތަހުގީގެއް ހިންގުމުގައި އެއްބާރުލުން ދިނުމަށް ޗައިނާގެ މަސްއޫލުވެރިއާ އެމެރިކާގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އދ.އަށް ކަނޑައަޅާފައިވާ އެމެރިކާގެ މަންދޫބު ވަނީ ރަޝިއާގެ މިތުހުމަތަކީ އެގައުމުން ޔުކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބު ދެއްކުމަށް ކުރި ތުހުމަތެއް ކަމަށް ސިފަކުރައްވާފައެވެ.
ރަޝިއާ ބުނާގޮތުން އެމެރިކާ ސިއްރިޔާތުގައި ޔުކްރޭންގައި ހިންގާފައިވަނީ ބަޔޮލޮޖިކަލް ހަތިޔާރުގެ ވަރަށް ފުޅާދާއިރާއެއްގެ ދިރާސާތަކެކެވެ. މި ދިރާސާތައް ކުރިއަށް ގެންގޮސްފައިވަނީވެސް ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ގިނަ އަދަދެއްގެ ލެބޯޓްރީތައް ބޭނުންކޮށްގެންނެވެ. އަދި މިއީ ރަޝިއާއަށް އަމާޒުކޮށްގެން އެމެރިކާ ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށްވެސް ރަޝިއާ ބުނެއެވެ.
ބަޔޮލޮޖިކަލް ހަތިޔާރުގެ މި ދިރާސާތަކަށް އެމެރިކާ 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަން ޑޮކިއުމެންޓްތަކުން ހާމަވާކަމަށާއި ޑޮކިއުމެންޓްތައް އދ. އަށް ހުށަހަޅާނެކަމަށްވެސް ރަޝިއާ ބުނެފައިވެއެވެ. ރަޝިއާ ބުނާގޮތުން މި ލެބޯޓްރީތައް މިހާރުވަނީ އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.