ތ. ދިޔަމިގިލީގައި މުދިމަކަށް ވަޅިން ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅުވައިގެން ހައްޔަރު ކޮށްފައިވާ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ އަނިޔާ ލިބުނު، އުމުރުން 55 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އިއްޔެ ހެނދުނު 9:35 ހާއިރު ދިޔަމިގިލީ ތިންކޮޅުފުށި ސަރަހައްދުގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ އެރަށު މިސްކިތުގެ މުދިމަށެވެ.
އޭނާގެ ބުރަކަށިން ހަތަރު ތަނަކަށް ވަރަށް ފުން ޒަޚަމްތަކެއް ވަނީ ލިބިފައެވެ.