އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްޤީ ކުރުމަށް ރާއްޖެއިން އިންޑިއާއިއެކު ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ހަޤީގަތާ ޚިލާފު ވާހަކަފުޅެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވަނީ ރައީސް ޔާމީން މިދިޔަ ހަފްތާގައި އދ. މަހިބަދޫއަށް ވަޑައިގެން ޔޫޓީއެފް އެއްބަސްވުމާބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް ހަޤީގަތެއް ނެތް ދޮގު ވާހަކަފުޅުތަކެއް ކަމަށް ވިދާޅުވެ، އެ ވާހަކަފުޅު ދޮގު ކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމުގެ މަޤްސަދާއި އެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ބައެއް ކަންކަމާ ގުޅޭގޮތުން އާއްމުންގެ ތެރޭގައި ރައީސް ޔާމީން ހަޤީގަތާ ޚިލާފަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުން ދެމި އޮތްހާހިނދަކު އެތަނުގެ މިލްކުވެރި ފަރާތަކީ އިންޑިއާ ސަރުކާރު ކަމާއި އެތަނުގައި ކަނޑުގެ އަސްކަރީ މަރުކަޒަކާއި ވައިގެ އަސްކަރީ މަރުކަޒެއް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ޔަމީން ވިދާޅުވާ ކަމަށެވެ.
މީގެ އިތުރުން އުތުރު ތިލަފަޅުގައި އިންޑިއާގެ މަނަވަރުތައް ބަނދަރު ކުރުމަށް ދިވެހި ސަރުކާރުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭ ކަމަށާއި އަދި އުތުރު ތިލަފަޅު ތަރައްޤީ ކުރުމުގައި މަސައްކަތް ކުރާ އިންޑިއާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް އެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ޔާމީން ވިދާޅުވިޔަސް އެއީ ދޮގު ކަމަށް ނަޝީދު ވިދާޅުވިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުމުގެ މައްސަލަ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވިކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެ މައްސަލައިގައި އެދިފައި އޮތީ އިންޑިއާ އާއިއެކު ރާއްޖެއިން ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގައި ނުރަކަލެއް ނެތްކަން ކަށަވަރުކުރުމަށް އެ އެއްބަސްވުންތަކުގެ އަސްލު ދިރާސާކޮށް ނުރައްކަލެއް ހުރިތޯ ބަލައިދިނުމަށް ކަމަށެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރިކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެ އެއްބަސްވުންތަކާ ބެހޭގޮތުން ސުވާލު ކުރުމަށް ޑިފެންސް މިނިސްޓްރީ އާއި އެމްއެެންޑީއެފްގެ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް އެއްބަސްވުންތަކާ ބެހޭ ޕްރެޒެންޓޭޝަން ކޮމިޓީގެ މެމްބަރުންނާ ހިއްސާ ކުރި ކަަމަށެވެ.
"މި ބައްދަލުވުންތަކުގައި މެމްބަރު އާދަމް ޝަރީފް އެދިފައިވާ އެއްބަސްވުންތަކުގެ އަސްލު، ކޮމިޓީ މެމްބަރުންނާ ހިއްސާ ކުރެވުނު. އެގޮތުން ސޮއި ކޮށްފައިވާ އެއްބަސްވުންތައް ސްކްރީނުން ވެސް ދެއްކުނު،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ އެއްބަސްވުންތަކުގެ ހާޑް ކޮޕީ މެންބަރުންނަށް ހިއްސާ ނުކުރަނީ އެއްބަސްވުމަކީ ދޭދޭ ޤައުމުތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމަކަށް ވެފައި އެ އެއްބަސްވުމުގެ އެއްވެސް ބައެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެނަމަ، ދެ ޤައުމުގެ މަސްލަހަތަށް ބުރޫ އަރާފާނެ ކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށެވެ.
"މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކޮށްފައިވާ ދިރާސާއަށްބަލާއިރު، އުތުރު ތިލަފަޅު ތަރައްޤީ ކުރުމާބެހޭ އެއްބަސްވުމުގެ ދަށުން އެތަނުގައި ޤާއިމު ކުރެވޭ ފެސިލިޓީތަކާއި، އިންފްރާސްޓްރަކްޗާއާއި، އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއާއި، އެތަނުގައި އިންސްޓޯލް ކުރެވޭ އިކުއިޕްމެންޓް ތަކަކީ ހަމައެކަނި ދިވެހި ދައުލަތުގެ މިލްކެއް ކަމުގައި އެ އެގްރިމެންޓްތަކުގައި ބަޔާން ކޮށްފައިއޮވޭ." ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސް ވުމުގެ ދަށުން ސަރުކާރުގެ ހުއްދަ ނެގުމަކާ ނުލާ އިންޑިއާގެ އަސްކަރީ މަނަވަރުތަކަށް ރާއްޖޭގެ ސަރަހައްދަށް ވަދެވޭނެ ކަމަށް ބަޔާން ކޮށްފައެއް ނެތް ކަމަށެވެ.
"އަދި މީގެ އިތުރުން އުތުރު ތިލަފަޅު ތަރައްޤީ ކުރުމާ ގުޅޭ އެއްބަސް ވުމުގެ ދަށުން އިންޑިއާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް އެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ވިދާޅުވި ވާހަކަފުޅަކީ ކަނޑައެޅިގެން ހަޤީގަތާ ޚިލާފު ވާހަކަފުޅެއް،" ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުން ޤާއުމު ކުރުމުގެ އެއްބަސްވުންތަކާ ގުޅޭގޮތުން ހަޤީގަތާ ޚިލާފު ވާހަކަ ދައްކާ އަދި ފެތުރުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާތެރިކަން ހުރި އަދި ރާއްޖެއާއި ދޭދޭ ޤައުމުތަކާ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުންތަކަށް ވެސް ހީނަރު ކަމެއް އަތުވެދާނެ ކަމަށް ވާތީ މަޖިލީހުގެ މެންބަރުންގެ އަރިހުގައި އެ ވާހަކަ ދަންނަވާ ކަމަށެވެ.