ގިނަ ސިނާއަތްތައް ކުރިއެރި އިރު، މަސްވެރިކަމަށް ހީނަރުކަން

އޭޕްރީލް 28، 2021: މަސް މާރުކޭޓު ސަރަހައްދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ގިނަ ސިނާއަތްތައް ކުރިއެރި ނަމަވެސް، މަސްވެރިކަމުގެ ދާއިރާއަށް ހީނަރުކަން އަތުވެއްޖެއެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން އެ ކުއާޓަރުގައި، މަހުގެ ބާވަތްތައް ބޭރުކުރި މިންވަރު ވަނީ 24 ޕަސެންޓު ދަށްވެފައެވެ. އަދި، އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، މަސް ޕްރޮސެސްކުރާ ކުންފުނިތަކުން މަސް ގަންނަ މިންވަރު އިތުރުވީ ކުޑަކޮށެވެ.

މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހުގެ ތެރޭގައި ޖުމްލަ 23،874 މެޓްރިކް ޓަނުގެ މަސް ވަނީ ގަނެފައެވެ. އެ މުއްދަތުގެ ތެރޭ މަސްވެރިންގެ އަތުން ގަތް ކަޅުބިލަމަހުގެ އަދަދު 18 ޕަސެންޓު މަތިވި ކަމުގައި ވިޔަސް ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރު 39 ޕަސެންޓު ވަނީ ދަށްވެފައެވެ.

އެ އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް މަސްވެރިކަމުގެ ސިނާއަތަށް އިތުރުވި އަގުގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެ މުއްދަތުގެ ތެރޭ އެ ނިސްބަތް 34 ޕަސެންޓަށް ވަނީ ދަށްވެފައެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން ފަތުރުވެރިކަމާއި، އާންމު ވިޔަފާރި ފަދަ ސިނާއަތްތައް އަނެއްކާވެސް ދަނީ ކުރިއަރަމުންނެވެ.

މީގެ ކުރިން ހީނަރުވަމުން ދިޔަ ކޮންސްޓްރަކްޝަން ދާއިރާ ވެސް ވަނީ މިދިޔަ ކުއާޓަރުގައި އަލުން ކުރިއަރަން ފަށާފައެވެ. ނަމަވެސް، އެ ސިނާއަތް ކުރިއަރަމުންދާ މިންވަރު ފާހަގަކުރެވޭހާ ލަސް ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް