ހަނގުރާމަވެރި ސަރަހައްދެއްގައި ހާލުޖެހުނު ފުރަތަމަ ދިވެހި އާއިލާ ރާއްޖެ ގެނެސްފި

ދިވެހިންގެ ބަޔަކު ސީރިއާގައި ---

ހަނގުރާމަވެރި ސަރަހައްދެއްގައި ހާލުޖެހުނު ފުރަތަމަ ދިވެހި އާއިލާ ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މީގެ ކުރިން ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރު ކޮށްފައިވާ ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު، ރާއްޖެއިން ބޭރުގައި ހާލުގައި ޖެހި، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައި ވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ފުރަތަމަ އާއިލާ މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

މި އާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރުން ދަށުގެ ހަތަރު ކުޑަކުދިން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރު ކޮށްފައިވާ ފިރިހެނުންނާއެކު ދިޔަ އެމީހުންގެ އަނބިންނާއި ދަރިން، ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕް ތަކުގައި، ފުރާނައަށް ނުރައްކާވާ ހާލަތަށް ގޮސްފައި ތިބިކަމުގެ ޝަކުވާ، އެމީހުންގެ އާއިލާތަކުން ރައީސްއަށާއި އެކި އިދާރާތަކަށް ހުށަހަޅާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދަކަށް ވުމާއެކު، ވޭދުވެދިޔަ ދުވަސްތަކުގައި އެކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށް މިނިސްޓްރީން ފާހަގަ ކުރިއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، މިކަމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހި ރައްޔިތުންގެ އަސާސީ، އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށެވެ. އަދި އެކި ސަބަބުތަކާހެދި މުޖުތަމައުން ހަވާސާ ވެފައިވާ ފަރާތްތައް، ގާނޫނުތަކާއި ބައިނަލްއަޤުވާނީ މިންގަނޑުތަކާ އެއްގޮތަށް އިސްލާހު ކުރުމަށްފަހު ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުން ކަމަށެވެ.

ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށް އެތައް ދިވެހިންނެއް އެ ގައުމުތަކަށް ގޮސް މަރުވެފައިވެސް ވެއެވެ. އޭގެ ތެރެއިން ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނެސް ރިހިބިލިޓޭޓް ކުރުމަށް ވަކި ސެންޓަރެއް ވެސް މިހާރު ވަނީ ހަދައިފައެވެ.

ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވާ މީހުން ރާއްޖެ ގެނައުމާ މެދު ހިތްހަމަ ނުޖެހޭ ބަޔަކު ވެސް އުޅެއެވެ. އެއީ ހަރުކަށި ފިކުރު އަނެއްކާ ވެސް ރާއްޖޭގައި ފެތުރިދާނެތީއެވެ.

comment ކޮމެންޓް