އޮޅުވާލައިގެން ފައިސާ ހޯދަން ހިންގާ ސްކީމަތަކަށް ސަމާލުވޭ: އެމްއެމްއޭ

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮޅުވާލައިގެން ފައިސާ ހޯދަން ސޯޝަލް މީޑިއާގައި ހިންގާ ސްކީމްތަކަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެ ބޭންކުން ނެރުނު ބަޔާނެއްގައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކާ ފޭސްބުކާއި ޓެލެގްރާމުގައި ހިންގާ ސްކީމެއްގެ މައުލޫމާތު އެ ބޭންކަށް ލިބިފައިވާކަމަށެވެ.

"މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާ އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި އެ ފައިސާ ބޭނުންކުރަނީ އަމިއްލަ ބޭނުމަށް،" އެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ވަނީ އެފަދަ ސްކީމްތަކުގައި ކުރީކޮޅު ބައިވެރިވާ ބައިވެރިންނަށް ފައިސާދެނީ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިންކަމަށެވެ. އެހެންކަމުން އެފަދަ ސްކީމްތަކަކީ ދެމެހެއްޓެނިވި ސަކީމްތަކަކަށް ނުވާނެކަމަށާއި، އެ ސްކީމްތައް ރޫޅޭ ހިސާބުން، އެ ސްކީމްތަކުގައި ބައިވެރިވެ ފައިސާދިން ގިނަ ފަރާތްތަކަށް އަނބުރާ އެ ފައިސާ ނުލިބޭކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެފަދަ ކަންކަމުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކަށް މާލީގޮތުން ބޮޑެތި ގެއްލުންތައް ލިބޭކަން އެމްއެމްއޭއިން ބުންޏެވެ.

"ވީމާ މިފަދަ ސްކީމްތަކާ މެދު ސަމާލުވުމަށާއި، އޭގައި ބައިވެރި ނުވުމަށް އިލްތިމާސް ކުރަމެވެ." އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް