މިދިޔަ އޮކްޓޫބަރުމަހު، އިންޓަނެޓުގެ އަގުހެޔޮ ކުރުމާއެކު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިންފްލޭޝަން ހުރި ވަރު ދަށަށް ހިނގައްޖެއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިންފްލޭޝަން ހުރީ 0.1 އިންސައްތައިގައެވެ. އޭގެ ކުރީ ކުއާޓަރުގައި އެ ނިސްބަތް ހުރީ 0.5 އިންސައްތައިގައެވެ.
ޓެލެެކޮމިއުނިކޭޝަން ދާއިރާގެ އިންފްލޭޝަން ދަށަށް ދިޔަ ކަމުގައި ވިޔަސް ކާބޯތަކެއްޗާއި، އެހެނިހެން މުހިއްމު އިންފްލޭޝަންތައް ވަނީ މައްޗަށް ގޮސްފައެވެ.
އެ ދާއިރާގެ ޚިދުމަތްތަކުގެ އަގުތައް 14 އިންސައްތަ ދަށަށް ދިޔައިރު މައްޗަށް ދިޔަ ދާއިރާތަކުން މަތިވެފައިވަނީ ކުޑަ އިންސައްތައެކެވެ.
ކޮންސިއުމާ ޕްރައިސް އިންޑެކްސްގައި ދެވަނައަށް އެންމެ މަތީ ބުރަދަނެއް ދީފައިވާ ކާބޯތަކެތިން 2.4 އިންސައްތައިގެ މަތިވުމެއް ވަނީ ރެކޯޑު ކުރެވިފައެވެ.
އެމްއެމްއޭއިން ބުނީ ކާބޯތަކެތީގެ އިންފްލޭޝަން މައްޗަށް ދިޔައީ މޭވާއާއި ތަރުކާރީގެ އަގުބޮޑުވުމާއި، ބޭރުފައިސާ ދަތިވުމުގެ ސަބަބުން ކަމަށެވެ.
ގެދޮރުގެ ކުލީގެ އަގު ގިނަ ދުވަސްތަކަކަށް ފަހުވަނީ މައްޗަށް ޖެހިލާފައެވެ. އެ ދާއިރާގެ އިންފްލޭޝަން ހުރީ 0.1 އިންސަައްތައިގައެވެ. މިހެން ދިމާވި އެންމެ ބޮޑު ސަބަބަކީ ކޮވިޑުގެ ދުވަސްވަރު ކުލިން ދެވުނު ލުއިތައް މަޑުމަޑުން ނެގެމުން ދިޔުމެވެ.
މީގެ އިތުރުން 2020ވަނަ އަހަރު ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުވުމުގެ ސަބަބުން ކުރި ކުރުމުއްދަތުގެ އަސަރުތައް ފިލަން ފެށުން ވެސް އިންފްލޭޝަން ދަށްވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިންފްލޭޝަން ދަށަށް ދިޔަ ކަމުގައި ވިޔަސް މިހާރުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް އެމްއެމްއޭއިން ލަފާކުރަނީ ކުރިއަށް އޮތްތަނުގައި އަގުތައް މަތިވާނެކަމަށެވެ.