އެމްޑަބްލިއުއެސްސީ ގައި އަންހެނުން ބާރުވެރިކުރުވުމަށް ފަސް އަހަރު ދުވަަހުގެ ޕްލޭނެއް އެކުލަވާލައިފިއެވެ.
އެ ކުންފުނިން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައިވާ ގޮތުން، އެ ޕްލޭން އެކުލަވާލުމަށް ކުރިއަށް ގެންދެވުނު ދިރާސާއިން ރަނގަޅުކުރަން ޖެހޭ ހަތަރު ކަމެއް ފާހަގަކުރެވުނެވެ.
އެ ކަންކަމަކީ:
- ޓެކްނިކަލް ދާއިރާގައި އަންހެނުންނަށް ފުރުސަތު ކުޑަވުމާއި، ހަރަކާތްތެރިވާ މިންވަރު މަދުވުން
- އަންހެނުން ބާރުވެރި ކުރުވުމުގައި ފިރިހެނުންގެ ދައުރަކީ ކޮބައިކަން ސާފުނުވުން
- ދެ ޖިންސުގެ މުވައްޒަފުންނަށް އެކަށޭނަ ގޮތަކަށް މަސައްކަތުގެ މާހައުލު ބައްޓަން ކުރެވިފައި ނެތުން
- މެނޭޖްމަންޓް ލެވެލްގެ މުހިއްމު ކޮމިޓީތަކުގައި ދެ ޖިންސުގެ ދައުރު ހަމަހަމަކުރެވިފައި ނެތުން
މި ކަންކަން ހައްލުކުރުމަށްޓަކައި، އަޅާނެ ފިޔަވަޅުތަކެއް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި މަތީ ދަރަޖައިގެ ކޮމިޓީތަކުގައި މަދުވެގެން އެއް އަންހެން މެންބަރަކު ބެހެއްޓުމާއި، އަންނަ ފަސް އަހަރު ދުވަހުގެ ތެރޭ އެ މިންވަރު 33 އިންސައްތައަށް މައްޗަށް ގެންދިއުން ހިމެނެއެވެ.
މީގެ އިތުރުން އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރުކުރުމަށްޓަކައި އެކި ފެންވަރުގެ ތަމްރީނު ޕްރޮގުރާމުތައް ހިންގުމާއި، އެކަމުގައި ފިރިހެނުންގެ ދައުރު ދެނެގަތުމަށްޓަކައި، ޚާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.