ތެލުގެ އަގު ބޮޑުވުމާއެކު، ވަޔާއި ކަނޑު ދަތުރުތަކުގެ އަގުވެސް ބޮޑުވަނީ

ލޯންޗު ފެރީތަކެއް މާލޭ ބަނދަރާއި ކައިރިކޮށްފައި — ސަން ފޮޓޯ/ ފަޔާޒް މޫސާ

ތެލުގެ އަގު ހަލުވިކަމާއެކު މައްޗަށް ދާން ފެށުމާއެކު، ކަނޑުގެ މަގާއި، ވައިގެ މަގުން ކުރާ ދަތުރުތަކުގެ އަގު ވެސް މަތިވާން ފަށައިފިއެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރެއްކަމުގައިވާ، އިނަ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާގު "ސަން"އަށް ވިދާޅުވީ މިހާރުވެސް ގިނަ އެއާލައިން ތަކުން ފިއުލް ސާޗާޖް އަގު އިތުރު ކުރަމުންދާ ކަމަށެވެ.

"ވިޔަފާރި ސަސްޓެއިން ކުރާކަމުގައި ވަންޏާ ތެލުގެ އަގަށް އަންނަ ބަދަލުތައް ފެންނާނެ ޓިކެޓުތަކުގެ އަގުން،" ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ އަގުތައް މަތިވުމާ ގުޅިގެން ޓޫރިސްޓު ބުކިންތައް ލިބޭ ރޭޓު ލަސްވަމުން އަންނަ ނަމަވެސް އަދި ސީދާ ހިސާބުތައް ފެންނަން ދުވަސްކޮޅެއް ނަގާނެކަމަށެވެ.

މާލެއާއި މިލަދުންމަޑުލާ ދެމެދު ލޯންޗު ފެރީގެ ޚިދުމަތްދޭ ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވީ ތެލުގެ އަގާއެކު ލޯންޗު ފެރީގެ އަގުތައް ވެސް ބޮޑުކުރަން ޖެހިފައިވާކަމަށެވެ.

"ތެލުގެ އަގު ބޮޑުނުވާ އިރު ދަތުރެއް އުޅޭނީ 700ރުފިޔާއާއި 800ރުފިޔާއާ ދެމެދުގައި. މިހާރު ދަތުރެއް މި ކުރެވެނީ 880ރުފިޔާ ނޫނީ 890ރުފިޔާ ވަރުގައި،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަގުތައް މަތިވަމުން ދިޔަ ނަމަވެސް، އެކަމުގެ ސަބަބުތަކާމެދު، ގިނަ ކަސްޓަމަރުން ހޭލުންތެރި ކަމަށެވެ. އެހެންކަމުން، ކަސްޓަމަރުންގެ މާބޮޑު ޝަކުވާއެއް އަދި ނާންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބާޒާރުގައި އަގުތަކަށް އަންނަ ބަދަލާ އެއްވަރަށް އަގުތައް ކަނޑައެޅުމުގެ މިނިވަންކަން އެއާލައިންތަކާއި، ފެރީ ކުންފުނިތަކަށް އޮތް ކަމުގައި ވިޔަސް، ސަރުކާރުގެ ކޮންޓްރޯލް އަގުތަކާ ހެދި، ޓެކްސީތަކަށް އެ ފުރުސަތު ވަނީ ނުލިބިއެވެ.

ނަމަވެސް، ޓެކްސީ ޑްރައިވަރުން ވެސް ވަނީ، މީޓަރު ތައާރަފުކޮށް ދިނުމަށާއި، އެކަން ކުރެވެންދެން އަގުތައް ބޮޑުކޮށްދިނުމަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީއަށް އިއްޔެ ލިޔުމެއް ހުށަހަޅާފައެވެ.

ދުނިޔޭގެ ބާޒާރުގައި މިވަގުތު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 125.92 ޑޮލަރުގައެވެ. މިއީ 2014ވަނަ އަހަރުގެ ފަހުން މިވަރަށް ތެލުގެ އަގުބޮޑުވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް