އެއްގަމާއި ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރަށް ވަގުތީ ސަބްސިޑީއެއް ދޭންޖެހޭ: އާދަމް ޝަރީފް

މާލޭގައި ޓެކްސީ ކުރާ ކާރެއް -- ސަން ފޮޓޯ: ފަތުހުﷲ ޔާމީން ސައީދު

އެއްގަމާއި ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރަށް މިހާލަތުގައި ވަގުތީ ސަބްސިޑީއެއް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޓެކްސީ ދަތުރުތައް ކުރެވޭނެ އަގުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ފާސްކޮށް އިއުލާންކޮށްފައި ވަނިކޮށް، އެ މިނިސްޓްރީގެ ހުއްދައެއް ނެތި ޓެކްސީ ދަތުރު ކުރާ އަގު ބޮޑުކޮށްފިއްޔާ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެކަމަށް ފާޑު ވިދާޅުވެ، ކުރެއްވި ޓްވީޓްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ޓެކްސީގެ އަގު ބޮޑުކުރަންޖެހޭ ސަބަބާމެދު ވިސްނައި ޓެކްސީ ތަކަށާއި އާއްމު ރައްޔިތުންނަށް ލުއިފަސޭހަ ވާނޭ ގޮތްތަކެއް ސަރުކާރުން ހޯދައިދޭންޖެހޭ ކަމަށެވެ.

"ޓެކްސީ، ލޯންޗް އަދި އޮޑިދޯނި ފަހަރަށް ވަގުތީ ގޮތުން ސަބްސިޑީއެއް ދެއްވާ. އަގު ކޮންޓްރޯލް ކުރަންވީ ދެފަރާތަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް،" އާދަމް ޝަރީފުގެ ޓްވީޓްގައިވެއެވެ.

މާލެ ހިމެނޭ ސަރަހައްދުގައި މިދުވަސްވަރު ޓެކްސީ ދަތުރު ކުރެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ ތެރޭގެ ދަތުރުތަކަށް 25 ރުފިޔާ އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވައްސާ ދޭތެރޭ ދަތުރަކަށް 40 ރުފިޔާއެވެ. އަދި ހުޅުލެ އާއި މާލެއާ ދެމެދުގެ ދަތުރުތަކަށް 60 ރުފިޔާ ކަމަށް ކަނޑައަޅާފައިވާއިރު ހުޅުމާލޭ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދުގެ ދަތުރުތަކަށް ނެގޭނީ 90 ރުފިޔާއެވެ.

މީގެ އިތުރުން، މާލެ އާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދުގެ ދަތުރުތަކަށް އަދި ހުޅުލެއާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ނެގޭނީ 75 ރުފިޔާއެވެ.

ޓެކްސީގެ ޚިދުމަތަށް ނެގޭނެ އަގުތައް --- ފޮޓޯ/ ޕޮލިސް

އެ އަގުތަކުގެ އިތުރުން މެންދަމު 12:00 އިން ހެނދުނު 6:00 ގެ ނިޔަލަށް އިތުރު ފަސް ރުފިޔާ ނެގިދާނެއެވެ.

comment ކޮމެންޓް