ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު ޢަލީ (އަޑުބަރޭ) އަށް ކުރި ޖަލު ހުކުމް ތަންފީޒުކުރުމުން، އޭނާ މިނިވަންވެއްޖެއެވެ.
ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި އަސްހަދަށް ކޯޓުން ފިޔަވަޅު އެޅީ، ބުނި މުއްދަތުގައި ޢަލީ ރާއްޖެ ވަޑައިނުގަތް މައްސަލަ ބެލުމަށް ފަހުގައެވެ.
މި މައްސަލައިގައި މިދިޔަ މަހުގެ ދެވަނަ ދުވަހު ބޭއްވި އަޑުއެހުމަކަށް އަސްހަދު ކްރިމިނަލް ކޯޓަށް ހާޒިރު ނުވުމުން، ކޯޓުގެ ހުރުމަތް ކެނޑީކަމަށް ކަނޑައަޅައި އޭނާއަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
ހުކުމް ކުރިއިރު އޭނާ ހުރީ ޢަލީ ވަހީދު މިހާރު ދިރިއުޅުއްވާ އިނގިރޭސިވިލާތުގައެވެ. އެ ގައުމުން އަސްހަދު އެނބުރި ރާއްޖެ އައުމާއެކު، ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އޭނާ ޖަލަށް ލީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރެއެވެ.
އަސްހަދަށް ކުރި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު، އޭނާ މިއަދު މިނިވަންކޮށްފައިވާ ކަން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.
ޖިންސީ ގޯނާގެ ދައުވާތައް އުފުލުމާއެކު ޢަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.
ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.
ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ ޢަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.
ޢަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ. ޖާމިނުވި ފަރާތަކީ އަޑުބަރޭއެވެ.
އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން ޢަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ. އެއާއެކު ޢަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފައެވެ.
އެހެންނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް ޢަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.
މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުންތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް, އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ޢަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް މިހާރު ވަނީ ނެރެފައެވެ.