ހުނަރުވެރި، ފަންނީ ޒުވާނުންތަކެއް ބިނާކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ "ފެނަކަ އިންސްޓިޓިއުޓް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މަސައްކަތުގެ ދާއިރާއަށް ހުނަރުވެރި، ފަންނުވެރި، ޒުވާނުން އުފެއްދުމަށް ޓަކައި ވީހާ ވެސް ގިނަ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
"އެކަން ކުރަން ތައްޔާރަށް ތިބި ކޮންމެ ކުންފުންޏަކާއެކު ވެސް މަސައްކަތް ކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް، އަޅުގަނޑުމެން އެކިއެކި ޕްރޮގްރާމްތައް ވެސް މި ހިންގަނީ ހަމަ އެ މަގުސަދު ހާސިލްކުރުމަށް ޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ހުނަރުވެރިން ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ މަސައްކަތެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި އެއީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް ވެސް މިނިސްޓަރު އިބްރާހިމް ޙަސަން ވިދާޅުވިއެވެ.
"މިކަން ފުރިހަމައަށް ރަނގަޅަށް ކުރެވޭނީ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރާއި އެސްއޯއީތަކާއި އެންޖީއޯތަކާއި ކްލަބް ޖަމިއްޔާތަކާ ގުޅި، އެއް އަމާޒަކަށް، އެއް މަގުސަދަކަށް، އެއް ފޯރިއެއްގައި މަސައްކަތްކޮށްގެން، އަޅުގަނޑުމެން މި ތިބީ އެ ހުރިހާ އެންމެންނާއެކު ވެސް މަސައްކަތް ކުރުމަށް ތައްޔާރަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީން ކުރުމަށް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ "ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯކް ފޯސް" ޕްރޮގްރާމަކީ މީގެ އެއް ހެކި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފެނަކަ އިންސްޓިޓިއުޓް އުފެދިގެން ދިޔައިރު، އެސްއޯއީތަކުން މިފަދަ އިންސްޓިޓިއުޓްތައް އުފައްދަނީ ކީއްކުރަންތޯ ގިނަ ބަޔަކު ސުވާލު އުފެދިކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ވާހަކަތަކާއެކުގައި ވެސް ފެނަކައަށް އެ ފުރުސަތު ދިނީ ފެނަކައިން ވަރަށް މުހިންމު ދާއިރާތަކަށް މީހުން ބިނާކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
"ފެނާއި ނަރުދަމާގެ ނިޒާމަކީ ވަރަށް ބޮޑެތި އެކެޑެމިކް މަސައްކަތްތަކާއި، ވަރަށް ބޮޑެތި ސައިންޓިފިކް ރީސާޗް ކުރެވެން ހުރި ދާއިރާތަކެއް، ރާއްޖޭގައި މާހައުލުގައި ކުރަން ޖެހޭ ދާއިރާތަކެއް،" ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.
މިފަދަ ދިރާސާތައް ކުރުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތާއި އިސްނެގުމަށް، މިނިސްޓަރު ވަނީ ފެނަކައަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަވައިފައެވެ.
ފެނަކަ އިންސްޓިއުޓުން 23 ދަރިވަރަކު ރޭ ވަނީ ދަސްވެނިވެފައެވެ. އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް ލެވެލް ތިނެއްގެ ކޯސް ފުރިހަމަކުރި މި ދަރިވަރުންނަށް ރޭ ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.