ސްޓޫޑެންޓް ލޯނަށް ހުޅުވާލި 720 ފުރުސަތަށް، 1000 ދަރިވަރުން ކުރިމަތިލައިފި

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް-- ސަން ފޮޓޯ- އިބްރާހިމް އިފާޒް

މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ސްޓޫޑެންޓު ލޯނަށް 1000 ދަރިވަރުން ކުރިމަތިލައިފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އަލަށް ސަރުކާރުން ހުޅުވާލީ 720 ފުރުސަތެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލި ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ.

ފެނަކަ ކޯޕަރޭޝަންގެ "ފެނަކަ އިންސްޓިޓިއުޓް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙުސައިން ރޭ ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މަސައްކަތުގެ ދާއިރާއަށް ހުނަރުވެރި، ފަންނުވެރި، ޒުވާނުން އުފެއްދުމަށް ޓަކައި ވީހާ ވެސް ގިނަ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

ސްޓޫޑެންޓު ލޯނަށް ހުޅުވާލާ ފުރުސަތުތަކަކީ ވެސް މި މަގުސަދުގެ ތެރެއިން ހުޅުވާލާ ފުރުސަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި ވެސް 1000 ދަރިވަރަކު ކުރިމަތިލައިފައިވާ ކަމަށެވެ.

"720 ޖާގައަށް އަޅުގަނޑުމެން ހުޅުވާލި ސްކީމަށް ބަރާބަރު 1000 އެޕްލިކޭޝަން ލިބިފައިވާކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ލޯން ސްކީމަށް ހުޅުވާލީ، ސްޓޫޑެންޓު ލޯނު ދޫކުރުމުގައި އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ އިންޓްރެސްޓު އެއް އިންސައްތައަށް ކުޑަކުރުމަށް ފަހުގައެވެ.

ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 138 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު، ރާއްޖެއިން މާސްޓާސް ތަޢުލީމު ޙާސިލް ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވެއެވެ.

comment ކޮމެންޓް